ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ދަނީ ވަރަށް ގާތުން ބަލަމުން: ފޮރިން މިނިސްޓްރީ

ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ދަނީ ވަރަށް ގާތުން ބަލަމުން: ފޮރިން މިނިސްޓްރީ

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެގޮތުން، މިވަގުތު ޗިޓަގޮންގްގައި ތިބި 75 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކާއި، ހައިކޮމިޝަނުން އަންނަނީ ގަވައިދުން ގުޅައި ހާލުބަލަމުން އަންނަކަމަށް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ. މިދަރިވަރުންނާއެކު، ބަންގްލަދޭޝުގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 99 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން ވަނީ މަޢުލޫމާތު ދޭކަމަށްވެސް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އަދި މިނިސްޓްރީން ވިދާޅުވެފައިވަނީ، ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެއް، އެތަނުގެ ޑޯމިޓަރީ ބަންދުކުރުމުން، ހައިކޮމިޝަނުގެ އެހީތެރިކަމާއެކު މިހާރު ވަނީ އެހެން ސަރަޙައްދަކަށް ބަދަލު ކުރެވިފައި ކަމުގައެވެ. އަދި، ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހަދަމުންދާ ދަރިވަރުންނަށް ކާފިއު ގަޑިތަކުގައި ވަޒީފާއަށް ނިކުމެ އުޅުމުގައި ލުއި ގޮތްތައް ހައިކޮމިޝަން މެދުވެރިވެގެން މިހާރު ހަމަޖައްސައިދީފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ބޯޑަރ ހުރަސްކުރުމުގައި އެހީތެރިކަމަށް އެދުމުން ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ މީގެ ކުރިން، އެކަމުގައި އެހީތެރިކަން ފޯރޮކޮށްދީފައެވެ.

މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ބަންގްލަދޭޝުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުށް އެމިނިސްޓްރީއިން ބަންގްލަދޭޝް ސަރުކާރާއި ވާހަކަ ދައްކައި ވަރަށް ގާތުން މަސައްކަތްކަމަށެވެ.

އެގޮތުން، ފޮރިން ސެކްރެޓަރީ، ފާތިމަތު އިނާޔާ ބަންގްލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ރިއަރ އެޑްމިރަލް ޝެއިޚް އަބްދުލް ކަލާމްއާޒާދާއި މިއަދު ބައްދަލުކުރައްވައި، ބަންގްލަދޭޝުގެ މިވަގުތުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވައި، ބަންގްލަދޭޝުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ

މިވަގުތު ބަންގްލަދޭޝުގައި ކާފިއު ޢިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް މިމިނިސްޓްރީއިން ތަކުރާރުކޮށް އިލްތިމާސް ކޮށްފައި ވެއެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް މިނިސްޓްރީން އެދިފައި ވެއެވެ.

ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ މައުލޫމާތު އަކީ

ގުޅޭނެ ނަންބަރު: +880 1329 748 885 / +880 1708 120 318

އީމެއިލް އެޑްރެސް: [email protected]

އަދި މީގެއިތުރުން، މި މިނިސްޓްރީގެ ހޮޓްލައިން ނަންބަރ ކަމުގައިވާ 7983400 އަށް ގުޅޭނެ ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *