ރަށްރަށުގައި ހިނގާ ފަތުރުވެރިކަމުގެ މަސައްކަތްތަކުން ދައުލަތުގެ މާލިއްޔަތަށް ލިބޭ އާމްދަނީން ރަށްރަށުގެ ކައުންސިލްތަކަށް އާމްދަނީ ލިބޭ ގޮތަށް ނިންމާފައިވާ ނިންމުމަށް ވަރަށް އަވަހަށް އަމަލުކުރައްވަން ފައްޓަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނާރެސް ޕޯޓަލް އާއި ކުރަނގި އެޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާޙުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން އިޢުލާންކޮށްފައިވާ ގޮތަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާއިން މިލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާވާގޮތައް ވަރަށް އަވަހަށް ތަންފީޒު ކުރައްވަން ފައްޓަވާނެ ކަމުގައެވެ.
އަޅުގަނޑު އިޢުލާންކޮށްފައިވާ ގޮތަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލާއި މިކަންކަން ކުރުމާއި އެކީގައި ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާއިން މިލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާވާގޮތައް އެނިންމި ނިންމުންވެސް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އަޅުގަނޑުމެން ތަންފީޒުކުރަން ފަށާނަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަމަށާއި، ކައުންސިލަރުންނަށް ރައްޔިތުންނާއި ގާތުން ޚިދުމަތް ކުރެވޭނީ ބޭނުންވާ ބާރުވެރިކަން ލިބި ދީގެން ކަމުގައެވެ.
އެހެންކަމުން އިޖްތިމާޢީ ގޮތުންވިއަސް އަދި އިޤްތިޞާދީގޮތުން ވިޔަސް، ކައުންސިލްތަކަށް ފުރިހަމަކޮށްދޭންޖެހޭ ކަންކަން ސަރުކާރުން ފުރިހަމަ ކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ދައްކާ ޓެކުހުގެ %10 ކައުންސިލްތަކަށް ލިބޭގޮތަށް ޤާނުނަށް ބަދަލު ގެނައުމަށް މަޝްވާރާ ކުރައްވަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްކަތްތާ ބެހެ ވުޒާރާއިން ވަނީ ފައްޓަވާފައެވެ.