މިފްކޯ އޮތް ހާލަތު މަސްވެރިން ބަލާކަށް ނުޖެހޭނެ ކަމަށާއި، ބަހަނާ ނުދައްކައި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިފްކޯ މިވަގުތު އޮތީ ވަރަށް ހާލުކަމަށް ވިދާޅުވެ "މިހާރު" ނޫހަށް ދެއްވި އިންޓަރވިއުއްގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ މިފްކޯ ވެސް އެހާ ހާލުގައި އޮވެ، އަދި ރާއްޖޭގެ އިގްތިސާދު ވެސް ދަތި ދުވަސްވަރެއްގައި ހަމައެކަނި މަސްވެރިން ބޭނުން އަގެއްގައި އަގު ބަދަލު ކުރުން އެއީ ސަރުކާރުން ކުރާނެ ކަމެއް ވެސް ނޫން ކަމަށެވެ.
މަސް ނުކިރޭ މައްސަލަ އާއި މަހުގެ އަގު ދަށްވުމުގެ މައްސަލާގައި މަސްވެރިންތަކެއް އިއްޔެ ވަނީ ޅ. ފެލިވަރުގައި މުޒާހަރާކޮށްފަ އެވެ. ފެލިވަރަކީ މިފްކޯގެ މަސް ކާރުހާނާ ހުންނަ ރަށެވެ. މަސްވެރިން ޑިމާންޑް ކުރަމުން ދިޔައީ މަހުގެ އަގު 20ރ. އަށް ވުރެ ދަށް ނުކުރުމަށެވެ. އެކަމާ ގުޅޭ ގޮތުން ޒަހާ ވިދާޅުވީ މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މަހުގެ އަގު ކިލޯއެއް 8ރ. އަށް ދަށްވެފައި އޮތް ކަމަށާއި ނަމަވެސް މި ސަރުކާރުން 13ރ. އަށް ވުރެ ދަށް އަގެއްގައި މަސް ނުގަނެވޭނެ ގޮތް ހަދާފައިވާ ކަމަށެވެ. އެއީ މަސްވެރިޔާ އަށާއި އޮޑިވެރިޔާ އަށް ވެސް ގެއްލުން ނުވާނެ އަގެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒަހާގެ މިވާހަތަކާއި ގުޅިގެން ސަލީމް ވިދާޅުވީ ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ކުންފުނިތައް ސަރުކާރަށް ނުހިންގިގެން ބަނގުރޫޓް ވުމުން އެކަމުގެ ޒިންމާ މަސްވެރިން ނަގަން ނުޖެހޭނެކަމަށެވެ. މަސްވެރިން ރެއާއި ދުވާލު ކުރާ ބުރަ މަސައްކަތަށް ހަމަ އަގުދިނުމަކީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މިއީ މަސްވެރިންނަށް ވައުދުވެފައިވާ ކަމެއްކަމަށާއި، ވައުދާއި ޚިލާފަށް އިތުރު ބަހަނާ ނުދައްކައި، ވައުދު ފުއްދުމަށް ސަލީމް ވަނީ ގޮވާލާފައެވެ.
މިފްކޯ އޮތް ހާލަތު މަސްވެރިން ބަލާކަށް ނުޖެހޭނެ. އެއީ ސަރުކާރުން ބަލަންޖެހޭ ކަމެއް. ކުންފުނިތައް ބަނގުރޫޓް ކޮށްލީމަ ޒިންމާ ނަގަންޖެހޭނީ މަސްވެރިންތޯ؟ މަސްވެރިންނަށް ހަމަ އަގުދީ ވައުދު ފުއްދާ! ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް.
– ސަލީމް ވިދާޅުވިއެވެ.
ފެލިވަރުގައި ކުރި މުޒާހަރާގައި ފަންސަވީހަކަށް މަސްދޯނި ބައިވެރިވި އެވެ. އެ މުޒާހަރާގެ ބައިވެރިންނަށް މިނިސްޓަރ ޒަހާއާ ފޯނުން ބައްދަލު ކުރެވޭ ގޮތް ހަމަޖެހުނީ ފުލުހުން މެދުވެރިކޮށެވެ. އަދި މަސްވެރިންގެ ޑިމާންޑުތަކާ ގުޅޭ ގޮތުން ދެ ދުވަހެއްގެ ތެރޭގައި ޖަވާބެއް ދެއްވާނެ ކަމުގެ ޔަގީންކަން ޒަހާ ދެއްވާފައިވާއިރު، ރޭގެ ވަގުތެއްގައި ފުލުހުންގެ އިންޒާރާ އެކު މަސްވެރިން ކުރަމުން އައި އިހުތިޖާޖު ވަނީ ނިންމާލާފައެވެ. ނަމަވެސް މަސްވެރިންނަށް ލިބެންޖެހޭ ހައްގު ހޯދުމަށް ކުރިއަށް އޮތް ތަނުގައިވެސް ނިކުމެ އަޑު އުފުލާނެކަމަށް މަސްވެރިން ވަނީ ބުނެފައެވެ.
މިފްކޯގެ ހަލަތާއި ގުޅޭގޮތުން މިހާރުފެ މިފްކޯގެ އެމްޑީވެސް ވަނީ ކުންފުނީގެ ހާލަތު އެހިސާބަށް ދިޔައީ ކުރީސަރުކާރުގެ އަމަލުތައް ހުރިގޮތުން ކަމަށްބުނެ ކުރީ ސަރުކާރުގެ ބޮލުގައި ޒިންމާ އަޅުވާފައެވެ. ފައުޒީ ވިދާޅުވީ މިފްކޯގެ ވަސީލަތްތަކަށް ބަލާއިރު، ފެލިވަރުގައި މަސްކިރުމުގެ އިންތިޒާމުތައް ދަށް ކަމަށާއި، ތަރައްގީއަށް ބަލާއިރު އެންމެ އެކަށީގެންވާ މަސް ފްރީޒް ކުރުމާއި، ސްޓޯރޭޖް ކެޕޭސިޓީއެއްވެސް ފެލިވަރުގައި ނެތް ކަމަށެވެ. ކުރީ ސަރުކާރުތަކުން ފެލިވަރު ތަރައްގީކުރިނަމަ މިއަދު އުތުރުގެ މަސްވެރިން ފާޅުކުރަމުންދާ ޝުއޫރުތައް ފާޅުނުކުރާނެކަން ފާހަގަކުރައްވާ ފައުޒީ ވަނީ މި ސަރުކާރުން މިފްކޯ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެންމެ ބޮޑު ސަމާލުކަމެއްދޭ އެއް ތަނަކީ ފެލިވަރު ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ