ގިނަ އަދަދެއްގެ ބަނގުރަލާ އެކީގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ބަނގުރަލުގެ މައްސަލައިގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުގެ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ރީތިގަސްމަގުން އޭނާ ދުއްވާފައިދިޔަ ވޭން ހުއްޓުވައި ބަލައިފާސްކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.
އެމީހާ ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރަލާއި 13 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުގެ ފުލުހުން މި މަހު 5 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، ހުޅުމާލެ ކަންނެލި ޖެޓީން ކަޅު ކޮތަޅުތަކެއް ހިފައިގެން ދެ ސައިކަލުގައި ދިޔަ ބަޔަކާމެދު ތުހުމަތުކުރެވިގެން މަޑުކުރަން ބުނުމުން އެމީހުން މަޑުނުކޮށް ގޮސްފައިވެއެވެ.
އެހެންކަމުން އެމީހުން ދިޔަ ސަރަހައްދުތައް ސީސީޓީވީ ކެމެރާ މެދުވެރިކޮށް ދެނެގަނެ އެ ސަރަހައްދުތައް ބަލައިފާސްކުރިއިރު، އެ މީހުން ގެންގުޅުނުކަމަށް ބެލެވޭ ކަޅުކޮތަޅުތައް އެ ސަރަހައްދުތަކުން ފެނިފައިވާ ކަމަށާއި އެ ކޮތަޅުތައް ބަލައިފާސް ކުރިއިރު 120 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ