މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކުރި މައްސަލާގައި 3 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކުރި މައްސަލާގައި 3 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Author
ޙަސަން މުޙައްމަދު
09 ޖުލައި 2024 10:27
0

ވެރިރަށް މާލޭގައި މީހަކު ރަހީނުކޮށް އޭނާގެ އިނގިއްޔެއް ބުރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 3 މީހަކު ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

އެނގިފައިވާ ގޮތިގައި މިމައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރީ 23 އަހަރާއި، 21 އަހަރާއި، 18 އަހަރުގެ ދިވެހި 3 ފިރިހެނުންނެވެ. މި ތިން މީހުންގެ މައްޗަށްވެސް ކުރަނީ މީހެއްގެ ގައިގައި ޖެހުމާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތެވެ.

ކޯޓުން ކުރި އަމުރުގައި ވަނީ 3 މީހުންވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމުގައެވެ. އަދި ކޯޓު އަމުރުގައި ވާގޮތުން މި 3 މީހުންނަކީ ރަހީނު ކުރެވުނު މީހާއާއި އެއްތަނެއްގައި މަސައްކަތް ކުރާ 3 މީހުންނެވެ.

އެހެންނަމަވެސް 3 މީހުންވެސް ބަންދުގެ ޝަރީއަތުގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހާގެ އިނގިލި ބުރިވެފައިވަނީ ޕަވަޓޫލެއް ބޭނުން ކުރަނިކޮށް ކަމުގައެވެ.

ކޯޓު އަމުރުގައި ވަނީ ތަހުގީގީ ބަޔާންތަކާއި ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތަކާއި އަދި އޭގެ އިތުރުން ރަހީނު ކުރެވުނު މީހާއަށް ލިބުނު އަނިޔާތަށް ދައްކުވައިދޭ ފޮޓޯތަކުންނާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.