މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާ މާދަމާ ދައްކައި ހަލާސް ކުރާނެ ކަމަށް މިފްކޯ އިން ބުނެފިއެވެ.
މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ ސަރުކާރާއި މިފްކޯއާއި ގުޅިގެން ކުރެވުނު މަސައްކަތުން މާދަމާ ދެވިގެންދާނެ ކަމަށެވެ.
މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސްވިއްކުމަށްފަހު، ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯ އިން ބުނި ގޮތުގައި އެ ފައިސާ ދެއްކުމުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު 353 މިލިއަން ރުފިޔާ އަށް އަރާނެއެވެ. އޭގެ އިތުރުން އެ ކުންފުންޏަށް ލިބޭ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ.
މިފްކޯއިން ބުނީ، މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށެވެ.
އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާންކުރަމުންގެންދާނެ ކަމަށް ވަނީ ބުނެފައެވެ.