ރައީސް މުއިއްޒުއަށް ސިހުރު ހެދުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ، އެންވަޔަރމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝަމްނާޒް އަލީ ސަލީމްގެ ތުއްތު ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތުވެސް ނުދޭކަމަށްބުނެ މީޑިއާގައި ރިޕޯޓު ކޮށްފައިވާ ވާހަކަތައް ފުލުހުން ދޮގު ކޮށްފިއެވެ.
އަދަދު ނޫހުގައި ރިޕޯޓުކޮށްފައިވާގޮތުން ޝަމްނާޒުގެ ތުއްތު ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތު ފުލުހުން ފަހިކޮށްދީފައެއް ނުވެއެވެ. އެ ނޫހުގައި ރިޕޯޓު ކޮށްފައިވާގޮތުން، ބަންދުގައި ހުރި ނަމަވެސް ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ކޯޓުގައި އަދި ޕޮލިސް ސްޓޭޝަނަށް ގޮސް ވެސް އެދުނުކަމަށާއި ނަމަވެސް ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތެއް ޝަމްނާޒަށް ދީފައިނުވާ ކަމަށް ޝަމްނާޒުގެ އާއިލާއިން އެ ނޫހާ ވާހަކަދައްކަމުން ބުނެފައިވާކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
މިވާހަކަތައް ދިގު ކުރައްވަމުން ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މިއީ ހަޤީގަތާއި ޚިލާފު މަޢުލޫމާތެއް ކަމުގައެވެ. އަދި ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް އަބަދުވެސް އުސޫލުތަކުގައި ވާގޮތަށް އެފަރާތްތަކަށް ޔަޤީންކޮށްދޭ ކަމަށާއި، އެމަގުން މިކަންވެސް ހަމަޖެހިފައިވާނެކަން ވާނީ އެންގިފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމްގައި ހުންނެވި ފަތިމަތު ޝަމްނާޒް އަލީ ސަލީމް ވަނީ ސްޓޭޓް މިނިސްޓަރކަމުގެ މަގާމުންވެސް ވަކިކޮށްފައެވެ. ފަލުހުން ފަހުންވަނީ އޭނާ ހައްޔަރު ކުރީ ސިހުރު ހެދުމުގެ ތުހުމަތުގައި ކަމަށް ބުނެފައެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި ޝަމްނާޒްއާއެކު އިތުރު 2 މީހަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ. އަދި މި 3 މީހުންވެސް 7 ދުވަށް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ސޯޝަލް މީޑިއާގައި ފެތުރެމުންދާ ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި ޝަމްނާޒްގެ މައްޗަށް ކުރެވެނީ ސިހުރު ހެދިކަމުގެ ތުހުމަތެވެ.
ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރުމުގެ ކުރިން ޝަމްނާޒް އަދާކުރެއްވީ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ ރައީސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެންނެވެ.
އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރުމުގެ ކުރިން ޝަމްނާޒް ހުންނެވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.