މާލޭ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ނުރައްކާތެރި 46 ވަގުންގެ ތެރެއިން 7 މީހަކު ފުލުހުން ހޯދަމުންދާކަމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވީ މާލޭ ސަރަހައްދުގައި ނުރައްކާތެރި 46 ވަގުން ހ ހަރަކާއްތެރިވަމުންދާ ކަމަށާއި، މި 46 ވަގުންނާއި ފުލުހުން ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި 4،000 ފަހަރު މުއާމަލާތް ކޮށްފައިވާ ކަމުގައެވެ.
އޭނާ އިތުރަށް ވިދުޅުވީ މި 46 ވަގުންގެ ތެރެއިން ކްރިޓިކަލް ކަމަށް ފެންނަ 21 މީހަކަށް ޓާގެޓްކޮށް އޭގެ ތެރެއިން 10 މީހަކު ފަރުވާ ދިނުމަށް ނެޝަނަލް ޑްރަގް އެޖެންސީއާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އިތުރު 4 ވަގުން ހައްޔަރު ކޮށްފައިވާކަމަށާއި، އަނެއް 7 ވަގުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
އިހުސާން ފާހަގަކުރެއްވީ ކްރިޓިކަލް 21 މީހުންގެ އިތުރުން ބާކީ ތިބި 25 މީހުން ހޯދައި ހަމަމަގަށް އެޅުވުމުގެ މަސައްކަތްވެސް ފުލުހުން ކުރިޔަށް ގެންދާނެއެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެހެންނަމަވެސް މިމަސައްކަތްތަކަށް ކުރިމަތިވާ ގާނޫނީ ގޮންޖެހުންތަކެއްވެސް އެބަހުއްޓެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވި އެއްކަމަކީ ހައްޔަރު ކުރެވޭ މީހުންނަށް އެޅޭނެ ގާނޫނީ ފިޔަވަޅުތައް ހަނިވުމެވެ. އަދި ކުށުގެ މާހައުލުން ހައްޔަރު ކުރެވޭ މީހުންގެ މައްސަލަތައް ހިފައިގެން ފުލުހުން އެއް ކޯޓުން އަނެއްކޯޓަށް ދާންހެގޭ ހާލަތްތައް މެދުވެރިވެފައި ވުމަކީވެސް ދިމާވެފައިވާ ގޮންޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
މިއަދު ބޭއްވުނު 241 ކޮމިޓީގައި މިނިސްޓަރ އިހުސާން ވަނީ މިނިސްޓްރީގެ މެންޑޭޓްގައިވާ ދާއިރާތަކާއި ބެހޭ ވަރަށް ގިނަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ