ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް ދޫކޮށްލާފައިވާ ކަމަށާއި އެ މީހުންގެ ލިސްޓް އާންމު ކުރުމަށް ސަރުކާރަށް އިދިިކޮޅު މައި ޕާޓީ، އެމްޑީޕީ އިން މިއަދު ގޮވާލައިފިއެވެ.
މި ދުވަސްވަރު މާލޭގައި ކުށްތައް އިތުރުވެފައިވާނީ މިދިޔަ ސަރުކާރުން އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ކުށްވެރިންތަކެއް ދޫކޮށްލާފައިވާތީ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އިއްޔެ ވަނީ ވިދާޅުވެފައެވެ.
ޝިފާންގެ އެ ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ޝިފާންގެ އެ ވާހަކަތަކީ އެއްވެސް އަސާސެއް ނެތި، ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ބޭނުމުގައި ދެއްކެވި ވާހަތަކެއް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.
"ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމާއި ކުށްކުރުން ހުއްޓުވުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައި އޮތް ފުލުހުންގެ ފަރާތުން މިފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި މި ޕާޓީން ދެކެން،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ، އެ ޕާޓީގެ ސަރުކާރުގައި، ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މިނިވަން ކުރުމުގައި އަމަލުކޮށްފައި ވާނީ އެކަމަށް ހާއްސަ ގާނޫނު ކަމުގައިވާ "މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު"ގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކަށް ކަމަށާއި އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަހްލާގު ރަނގަޅު މީހުންނާއި ރިހެބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން، މުޖުތަމައުއަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެފަދަ މީހުން ފާހަގަކޮށް، ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތީން ކަމަށެވެ.
މީގެ އިތުރުން، އެ މީހުން މިނިވަން ކޮށްފައި ވާނީ، މިނިވަން ކުރާ ދުވަހުން ފެށިގެން އެއް އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެ މީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް، މާފުކުރެވުނު ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ކަނޑައަޅައިފައިވާނެ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
ނަމަވެސް، މި ދުވަސްވަރު ކުށްކުރަމުންދާ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި އަދި ބަންދު ނުކުރެވުމުން އެނގެނީ، އެ މީހުންނަކީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫންކަން ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް މިނިވަން ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ދޫކޮށްލި މީހުންގެ ލިސްޓު އާންމު ކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.
"ކުށް ކުރުން ހުއްޓުވޭނީ ފުރިހަމައަށް ގާނޫނު ތަންފީޒު ކުރުމާ އެކު، ސަރުކާރުން ގާނޫނީ ޒިންމާ އަދާކޮށްގެން ކަމަށް ވާ އިރު، ކުށްކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަތްވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވައިލަން،" އެމްޑީޕީ އިން ބުންޏެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން އިއްޔެ ވިދާޅުވެފައިވަނީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަމަ ހަގީގަތެއް ކަމަށާއި ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުން ކަމަށެވެ.
ކޮމެންޓު ފޮނުވާ