ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީން އަތުން އިތުރު ޗާޖެއް ނަގަން މަޝްވަރާއެއް ނުކުރާ ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީން އިތުރު ޕާމިޓެއް ހޯދަން ޖެހޭ ގޮތް ހަދާނެ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމާއި ގުޅިގެން އެކްސްގައި ކުރި ކޮމެންޓެއްގައެވެ.
ބައެއް މީޑިއާތަކުގައި އިހުސާންއާއި ހަވާލާދީ ރިޕޯޓު ކޮށްފައިވަނީ ރާއްޖޭގައި ބިދޭސީން މަސައްކަތްކުރަން ވޯކް ޕާމިޓެއް ދެމުން އައި ނަމަވެސް އޭގެ އިތުރު ޕާމިޓެއް އެރަށަކުން އެ ރަށެއްގައި މަސައްކަތް ކުރުމަށްޓަކައި އިޝޫކުރަން ޖެހޭނެ ކަމާއި ބިދޭސީންގެ ދަފްތަރު ބެލެހެއްޓޭނީ އޭރުން އިހުސާން ވިދާޅުވިކަމަށެވެ.
އެހެންނަމަވެސް އެކްސްގައި ކުރެއްވި ކޮމެންޓެއްގައި އިހުސާން ވިދާޅުވީ އައިލެންޑް/ ސިޓީ ލެވެލްގެ ހުއްދައަށް "އިތުރު" ފީއެއް ނެގުމުގެ ވާހަކައެއް ނުދައްކަވާ ކަމުގައެވެ. އަދި ހޯދަން އުޅޭ ހައްލަކީ އިލެކްޓްރޯނިކް/ އައިޓީ ބޭސްޑް ސޮލިއުޝަން (މިހާރު ހުރި ނިޒާމަށް އިތުރު ތަރައްޤީ) އަކަށް ވާއިރު، ރަށްރަށުގެ މަސައްކަތްތެރިން އީ-ރަޖިސްޓްރޭޝަނެއް ހަދައި، އެއީ ރަށު/ ސިޓީ ކައުންސިލްތަކުން ޤަބޫލުކުރާ (އެޕްރޫވް) ރެޖިސްޓްރޭޝަންއަކަށް ހެދުން ކަމުގައެވެ. އަދި މިއީ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ މުޅި މައްސަލަ ހައްލުކުރުމަށް އެކުލަވާލި ތިން އަހަރުގެ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ