ރޭ ދަރުބާރުގޭ ކައިރީގައި ހިނގި މާރާމާރީއަށް ފަހު މިއަދު ވަނީ އިތުރު ދެ މާރާމާރީއެއް ހިނގާއިފިއެވެ.
ރޭ 10:30 އެހާކަންހާއިރު ދަރުބާރުގޭ ކައިރީގައި ހިނގި މާރާމާރީއެއްގައި މީހަކަށް ވަނީ އަނިޔާވެފައެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި ރޭ ފަތިހު 4:07 ހާއިރު ހުޅުމާލޭ ފިލިގަސް މަގު ކައިރީގައި އަނެއްކާވެސް މާރާމާރީއެއް ހިނގި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އެސަރަހައްދަށް ދިއުމުން ހަމަލާދިން މީހާ ވަނީ ކާރެއްގައި ފިލަން މަސައްކަތްކޮށްފަ އެވެ. ފުލުހުން ކާރު ހުއްޓުވަން އުޅުމުން އޭނާ ފުލުހެއްގެ ގައިގައި ޖެއްސުމަށްފަހު ކާރު ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ފުލުހެއްގެ ގައިގައި ޖެހި ކާރުތެރޭގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަނެއް މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ހާދިސާގައި ޒަހަމްވި މީހާ އާއި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
ދެވަނަ މާރާމާރީ ހިނގާފައިވަނީ މިއަދު މެންދުރު 12:45 ހާއިރު ހެންވޭރު ޝަހީދު އަލީ މިސްކިތް ކައިރީގައެވެ. ފުލުހުން ބުނީ މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެ އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އިއްޔެގެ މާރާމާރީއާއި މިއަދުގެ މާރާމާރީއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޭނގެ އެވެ.
ކޮމެންޓު ފޮނުވާ