ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން އިސްނަގައިގެން ޕީއެސްއެމްއިން މިއަދު ފެށި ޓެލެތޯންއިން ލިބެ ފައިސާ ސީދާ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މި ޓެލެތޯން މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއްކަމަށާއި، ޓެލްތޯން ކުރިޔަށް ގެންދެވޭނީ ވަރަށް ޓްރާންސްޕޭރެންޓްކޮށް ކަމުގައެވެ.
ވަރަށް ޒިންމާދާރުކޮށް، ޓްރާންސްޕޭރެންޓްކޮށް އެކަން ކުރުމަށް ނިންމާފައި މިވަނީ. އެފައިސާ ހަމަ ސީދާ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އެހީ ލިބޭގޮތަށް ފޯރުކޮށްދޭ ގޮތަށް.
ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފަލަސްތީނު މައްސަލައަކީ ހަމަ އެކަނި ދެގައުމެއްގެ މެދުގައި އުފެދިގެންއުޅޭ މައްސަލައެއް ނޫންކަމަށާއި، ފަލަސްތީނުގެ ހައްގުގައި އިހުނަށްވުރެ ބޮޑަށް މިއަދު މަސައްކަތް ކުރާން ޖެހިފައިވާ ކަމުގައެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި މަސައްކަތަކީ ހުރިހާ ފިކުރެއްގަ ތިބި ދިވެހި ރައްޔިތުންވެސް އިއްތިފާގުވާ މައްސަލައެއް ކަމަށާއި، ހުރިހާ ރައްޔިތުންވެސް ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށާއި، ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރު ގިންތިއަކަށް ގެންދާންޖެހޭ ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިވެހިންގެ އަޑު އިއްވެން އޮތް ގޮތަކަށް އިއްވަންޖެހޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެން ނަމަވެސް އެ މަސައްކަތް އެއަށްވުރެ މަތީ ފަންތީއަކަށް ގެންދަން އެބަ ޖެހޭ، މިހާރު ދުނިޔޭގައި ފަލަސްތީނާއިއެއްކޮށް ވާހަކަ ނުދައްކާ ތިބި ފަރާތްތަކުން ވެސް ފާޅުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާތަން ފެނޭ، އެއީ ވަރަށް ބޮޑު ހިތްވަރެއް.
ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ހުރިހާ ރައްޔިތުންގެ ކިބައިންވެސް އެދިލައްވަން ބޭނުންފުޅުވަނީ މި ފުރުސަތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށާއި، އަމުދުން ދިވެހި ރައްޔިތުންނަކީވެސް މުސްލިމުންކަމަށް ވާއިރު، ކޮންމެ މުސްލިމަކަށް ދިމާވާކަމެއްގަ ހުރިހާ މުސްލިމުންވެސް ޝާމިލްވާ ޖެހޭ ކަމުގައެވެ.
އަޅުގަނޑުމެންނަކީ މުސްލިމުން، މުސްލިމުންގެ ސިފައަކީ އެއް މުސްލިމަކަށް ދިމާވާ ކޮންމެ ކަމެއްގައި މުޅި އުއްމަތް ޝާމިލްވުން، އެއީ ދީނުގައި އެކަން އޮތް ގޮތް، ހަށިގަނޑުގެ އެންމެ ކުޑަތަންކޮޅަކަށް ތަދުވިޔަސް މުޅި ހަށިގަނޑު އެކަމުގައި ވޭން އަޅާާނެކަން މިސާލެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދަސްކޮށްދީފައި އޮންނަނީ، އެއީ މުސްލިމުންގެ އުއްމަތުގެ ސިފައަކީ.
ރައީސް މުއިއްޒު ވިދާޅުވިއެވެ.