ޝިފާންއާއި އަބްދުﷲ ޝަރީފް އޭސީޕީގެ ލެވެލްއަަށް ޕްރޮމޯޓު ކޮށްފި

ޝިފާންއާއި އަބްދުﷲ ޝަރީފް އޭސީޕީގެ ލެވެލްއަަށް ޕްރޮމޯޓު ކޮށްފި

Author
ޙަސަން މުޙައްމަދު
07 ޖޫން 2024 06:19
0

ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރގެ ލެވެލްއަށް މިއަދު ޕްރޮމޯޓްކޮށްފި އެވެ.

މި ދެބޭފުޅުންނަށް ޕްރޮމޯޝަން ހަވާލު ކޮށްފައިވަނީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

އޭސީޕީގެ ލެވެލްއަކީ ފުލުހުންގެ މުވައްސަސާގައި އިދާރީގޮތުން ޕްރޮމޯޝަންދެވޭ އެންމެ މަތީ ގިންތިއެވެ. ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އަދި ކޮމިޝަނަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމުހޫރިއްޔާއެވެ.

ޝަރީފަކީ ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ޕޮލިސިންގެ އިސްވެރިޔާ އެވެ. އޭގެ އިތުރުން އެކި ޑިޕާޓްމަންޓުތަކުގެ އިސްކޮށް މަސައްކަތްކުރައްވައި ކޮމާންޑަރުކަން ކުރައްވާފައިވެ އެވެ.

ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރަކީ ޝިފާނެވެ. އޭނާ ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑްކަން އަދި އައްޑޫ ޕޮލިސް އެކަޑެމީ ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. އޭގެ އިތުރުން އޭނާ މިހާރު ގެންދަވަނީ އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިން އިން އެއް އަހަރުގެ އެގްޒެކެޓިވް ލީޑަޝިޕް ޕްރޮގްރާމެއް ފުރިހަމަކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.