ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާދެއްވައިފިއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވަމުންގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މިއަދު ހެނދުނު މި ޕްރޮގްރާމް ފައްޓަވާ ދެއްވީ ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. މިއަދު ފެއްޓެވި ޕްރޮގްރާމްގެ ތެރެއިން ރައީސް އިންދެވި ގަަހަކީ ދެކުނު އޭޝިއާ ސަރަހައްދުން އައިސްފައވާ ދިވެހި ބޭސްވެރިކަަމަށް ބޭނުން ކުރާ ބާވަތުގެ ގަހެއް ކަމަށްވާ ކާބޮޅި އަރޮޅިއެވެ. މި ބާވަތުގެ ގަސް ފެނިފައި ވަނީ ގދ. ތިނަދޫންނެވެ.
މި ޕްރޮގްރާމްގެ ތެރެއިން އެކަމަށް ހާއްސަ ލޯގޯވެސް ވަނީ އިފްތިތާހްކޮށްދެއްވާފައެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފެށީ ލޮނުޒިޔާރަތް ޕާކުންނެވެ. މި ޕްރޮގްރާމްގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަން ވަނީ ރޭވިފައެވެ. އަދި ރާއްޖޭގެ އެކި ރިސޯޓްތަކާއި، މުވައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. މި ޕްރޮގްރާމް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދާނެއެވެ.
ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް މީގެ ކުރިން ވިދާޅުވީ މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ 4 ބާވަތެއްގެ ގަސް ކަމަށެވެ. އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި، މޭވާ އަޅާ ގަހާއި، ހިޔާ ލިބޭ ގަސްތަކުގެ އިތުރުން ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތައްކަމަށް އޭނާ ވިދާޅުވިއެވެ.
ތޯރިގް ވިދާޅުވީ މީގެކުރިންވެސް ރާއްޖޭގައި މިފަދަ ބައެއް ޕްރޮގްރާމްތައް ކުރިޔަށް ގެންދެވިފައިވާ ކަމަށާއި، އެހެންނަމަވެސް އެ ޕްރޮގްރާމްތަށް އެކަށީގެންވާ ގޮތުގައި ކުރިޔަށް ނުދިޔައީ އެ ގަސްތައް އެކަށީގެންވާ ގޮތުގައި ބެލެހެއްޓިފައި ނުވާތީ ކަމުގައެވެ.
މިނިސްޓަރ ތޯރިގް ވިދާޅުވި މި ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގައި 90އަށްވުރެ ގިނަ ބާވަތުގެ ގަސް އިންދޭނެކަމަށާއި، އަދި ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތުގައި ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގެ ގޮތުން ރަށްރަށުގައި ނާސަރީތައް ގާއިމްކޮށް އާންމުންނަށް ގަސްލިބޭނެ އިންތިސާމްތައް ހަމެޖެހިގެން ދާނެކަމުގައެވެ.
ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ގުޅޭ ގޮތުން "ކޮޕް28″ ސަމިޓްގައި ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.