ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލު ކޮށްފައި ނުވާ ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް އިދިކޮޅު އެމްޑީޕީން އިސްވެ، ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލު ކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ފާއިތިވި 19 ވަނަ މަޖިލިހުގައި، އެޕްރިލް 29 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމެވެ. މި އިސްލާހު ރައްޔިތުންގެ ޖަލްސާއިން އޭރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ ވޯޓުންނެވެ.
މި އިސްލާހުގައިވާ ގޮތުން ދިރިއުޅުމަށްޓަކާ ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރާތާ ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރުން ގާނޫން ލާޒިމް ކުރެއެވެ.
އިސްލާހުގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު މީހުންނަށް ކަމާ ގުޅޭ އިދާރާއިން ގޯތި ހަވާލުކުރަން ޖެހޭނެ ކަމުގައެވެ.
އަދި މި އިސްލާހުގައިވާގޮތުން، މި އިސްލާހު ތަސްދީގުކޮށް އަމަލުކުރާއިރު، ގޯތި ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލާ، ގެޒެޓް ކޮށްފައިވާނަމަ، އިސްލާހަށް އަމަލުކުރަންފަށާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި އޭގެ ހައްގުވެރިންނަށް ގޯތި ހަވާލުކުރަން ޖެހެއެވެ.
އެހެންނަމަވެސް ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކުރި ނަމަވެސް، ރައީސް ވަނީ ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލައްްވައިފަ އެވެ.
ބިލާ މެދު އަލުން ގޮތެއް ނިންމުމަށް ބަހުސްކޮށް އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވީ ބިލު ކޮމިޓީއަށް ފޮނުވައި އަލުން ދިސާރާކުރުމަށެވެ. ނަމަވެސް އެކަމަށް ނެގި ވޯޓުގައި 75 މެންބަރުން ދެކޮޅަށް ވޯޓު ދެއްވިއިރު، އެއްކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުން އެކަންޏެވެ. އެހެންވެ އެ ހުށަހެޅުން ފާހެއް ނުވި އެވެ.
އެ ހުށަހެޅުން ފާސްނުވުމާ ގުޅިގެން މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން ބިލް އޮތް ގޮތަށް ފާސްކުރަން ވޯޓު ނެގި ނަމަވެސް، ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހުން ވޯޓު ދިނީ ބިލު ބޭރުކޮށްލުމަށެވެ. ބިލު ފާސްކުރުމާ ދެކޮޅަށް 76 މެންބަރުން ވޯޓު ދެއްވި އެވެ. ފާސްކުރަން ވޯޓު ދިނީ އެމްޑީޕީގެ މެންބަރުންގެ އެކަންޏެވެ.
ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން 1،351 ބިމާއި ގުޅިފަޅުން 2،218 ބިން އަދި ގިރާވަރު ފަޅުން 5،432 ބިން ދީފައިވެއެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ.
މި ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދީފައި ވަނީ ގުރުއަތުލައިގެން ލިބުނު ތަނަކުންނެވެ. ބައެއް މީހުންނަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާއިރު އެހެން ބައެއް މީހުންނަށް ބިން ވަނީ ދޫކޮށްފައެވެ. ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު މިހާރު ވަނީ ރަޖިސްޓްރީ ހަވާލުކުރަން ފަށައިފައެވެ.