ޣައްޒާގެ ދެކުނުގެ ޚާން ޔުނިސް އަދި ރަފާ ސިޓީގައި ހުންނަ ގެތަކަށް އިޒްރޭލު ސިފައިން ރޭގަނޑު ދިން ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 12 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނެފި އެވެ.
ޚާން ޔުނިސްގެ އިރުމަތީގައި އޮންނަ އަވަށަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި ދެ ގެއެއް ހަލާކުވެ ޝަހީދުވި 10 މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ. ޚާން ޔޫނުސްގައި ހުންނަ އަބޫ ޚަތަރު އާއިލާގެ ގެއަށް ވަކިން ދިން ހަމަލާއެއްގައި ދެ މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ވަފާ އިން ރިޕޯޓްކުރެ އެވެ.
ރަފަހު ސިޓީގައި ސައުދީ އަވަށުގެ އަބޫ އުބައިދު އާއިލާގެ ގެއާއި އެ ސިޓީގެ އުތުރުގައި އޮންނަ އޮރެއިބާ ސަރަހައްދަށް ދިން ހަމަލާއެއްގައި ވެސް މީހުން ޝަހީދުވި ނަމަވެސް ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު އަދި ނޭނގެ އެވެ. މީގެ ކުރިން ވެސް ޣައްޒާގެ މެދުތެރޭގައި އޮންނަ ބުރެއިޖް އަދި ނުސޭރަތު ރެފިއުޖީ ކޭމްޕްތަކުގެ ގެތަކަށް އިސްރާއީލުން ދިން ދެ ހަމަލާއެއްގައި 10 މީހުން މަރުވެފައިވާ ކަމަށް ވަފާ އިން ވަނީ ބުނެފަ އެވެ.