މަސްވެރިންނަށް 881 މިލިއަން ދީފި، ނުދެވި ހުރީ 62 މިލިއަން ރުފިޔާ

މަސްވެރިންނަށް 881 މިލިއަން ދީފި، ނުދެވި ހުރީ 62 މިލިއަން ރުފިޔާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް އައިއިރު، މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި މިހާތަނަށް އައިއިރު ނުދެވި ހުރީ 62 މިލިއަން ރުފިޔާ ކަމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހާ ހަމައަށް ބޭނި މަހަށް ކަމަށެވެ. އެހެންވެ، އޭޕްރީލް މަހުގެ 23 އިން ފެށިގެން މިއަދާ ހަމައަށް ފައިސާ ދޫނުކޮށް 62 މިލިއަން ރުފިޔާ އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު މަސްވެރިންނަށް ނުދެވި އޮތް ފައިސާގެ ތެރެއިން 881 މިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިފްކޯއަށް މާލީ ގޮތުން މި މަސް ނިމޭއިރު ވެސް ކޮންމެ ވެސް ވަރެއްގެ އުނދަގުލެއް ހުރި ކަމުގައި ވިޔަސް މިހާރު ނުދެއްވި އޮތް 62 މިލިއަން ރުފިޔާ ވީހާ ވެސް އަވަހަކަށް ދައްކާ ހަލާސް ކުރުމަކީ އުންމީދެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"މަސްވެރިންނަށް މިސަރުކާރުން ޔަގީނުން ވެސް 881 މިލިއަން ރުފިޔާ ދޫކުރެއްވިއްޖެ. މަސް ނިމޭއިރު މިފްކޯއަށް ހުންނާނެ އުނދަގޫތަކެއް. އުއްމީދު ކުރަނީ މި ފައިސާ ވީހާވެސް އަވަހަށް މަސްވެރިންނަށް ދައްކާ ހަލާސް ކުރެވޭނެ ކަމަށް " ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިން ކިރާ މަހަށް ފައިސާ ލިބުމުގެ ދަތިކަން ހައްލުކޮށް، 48 ގަޑިއިރުގެ ތެރޭގައި މަހަށް ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރުގައި މަސްވެރިންނަށް ނުދެވި 280 މިލިއަން ރުފިޔާ ހުއްޓެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަހުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ކަމަށް މި ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ފައިސާ ވެސް މަސްވެރިންނަށް ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *