ގދ ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
ތިނަދޫއިން މައުލޫމާތު ދިން މީހަކު ބުނީ މިރޭގެ ވަގުތެއްގައި މުޅި ރަށުން ކަރަންޓް ކެނޑިފައި ވާ ކަމަށެވެ. އަދި މުޅި ތިނަދޫ މިވަގުތު އޮތީ ކަނު އަނދިރީގައި ކަމަށް މައުލޫމާތު ލިބެއެވެ. އެރަށުން ވާހަކަދެއްކި މީހަކު ބުނީ ކަރަންޓު ކަނޑައިގެން ގޮސްފައިވަނީ އިންޖީނުގޭ ތެރެއިން އެއްޗެއް ގޮވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ކަމަށެވެ.
ތިނަދޫއިން ކަރަންޓު ގޮސްފައިވަނީ ދަންވަރު 03:30 ހާއިރު އެވެ. މުޅި ރަށުން ކަރަންޓު ކެނޑުމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން ވެސް އިންޖީނުގެ ހިމެނޭ ސަރަހައްދަށް ޖަމާވެފައި ވާކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
2016 ވަނަ އަހަރު ވެސް ވަނީ ތިނަދޫ އިންޖީނިގޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާ މުޅި ރަށުން ގިނަ އިރުތަކަކަށް ކަރަންޓު ކެނޑިފައެވެ. އެ ފަހަރު ގާތްގަނޑަކަށް 5 ވަރަކަށް ދުވަހު ކަރަންޓުގެ ހިދުމަތް ނުލިބި އެރަށުމީހުން އުޅެންޖެހުނެވެ.
ކޮމެންޓު ފޮނުވާ