އާންމު މަޖިލީހުގެ ނިންމުމަށް ރައީސްގެ ތައުރީފް

އާންމު މަޖިލީހުގެ ނިންމުމަށް ރައީސްގެ ތައުރީފް

ފަލަސްތީނަށް ޔޫއެން މެމްބަރުންކަން ދިނުމާމެދު އަލުން ވިސްނުމަށް ސެކިއުރިޓީ ކައުންސިލަށް ގޮވާލާ ގަރާރު ޔޫއެންގެ އާންމު މަޖިލީހުގެ ބޮޑު އައުލަބިއްޔަތަކުން މިއަދު ފާސްކުރުމާއި ގުޅިގެން އާންމު މަޖިލީހުގެ އެނިންމުމަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އަދ. އިން މިއަދު މި ގަރާރު ފާސްކުރުމާއި ގުޅިގެން ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިއަދު، އދ.ގެ ޢާންމު މަޖިލީހުގެ 10 ވަނަ ކުއްލި ޚާއްޞަ ޖަލްސާގައި، ފަލަސްޠީނުގެ ރައްޔިތުން ޢަދުލުއިންޞާފު ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ތާރީޚީ ކާމިޔާބީއެއް ފެނިގެން ހިނގައްޖެ ކަމުގައެވެ.

އަދި މި ސެޝަންގައި އދ.އަށް އަލަށް މެންބަރުން ވެއްދުމާ ބެހޭ ގަރާރު ފާސްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެޅި މުހިންމު ފިޔަވަޅަށް ތައުރީފު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަކީ، ފަލަސްޠީނުގެ އަމިއްލަ އިޚްތިޔާރުގެ ޙައްޤު ކަށަވަރުކުރުމަށް ދިގު ޒަމާންތަކެއް ވަންދެން އުއްމީދު ކުރަމުންދާ ބައެއް ކަމަށާއި، ދިވެހިރާއްޖެއާއި ރައްޔިތުން ހިތްވަރު ލިބިގަންނަނީ އެމީހުންގެ ޖެހިލުން ކުޑަކަމައި ހިތްވަރުން ކަމުގައެވެ.

އަދި ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްޠީނުގެ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގާއިމް ކުރުންމަތީ ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

އދ.ގެ ސަމާލަތީ މަޖިލީހުން ފަލަސްތީނުގެ މެމްބަރުކަން އަލުން މުރާޖައާކުރުމަށް ގޮވާލާ އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް 143 ވޯޓު ލިބިފައިވާއިރު ނުފެންނަކަމަށް 9 ވޯޓު، އަދި އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށް 25 ވޯޓު ވަނީ ލިބިފައެވެ.

އެ ގަރާރުގައި ވަނީ ސަލާމަތީ މަޖިލީހުން "މިމައްސަލަ އަލުން މުރާޖައާ ކުރުމަށް" ގޮވާލާ ފަލަސްތީނު އޮތޯރިޓީއަށް އދ.ގެ މެމްބަރުކަން ދިނުމަށް ބާރުއަޅާ ފަލަސްތީނަކީ އދ.ގެ މެމްބަރުކަމަށް ޝަރުތު ހަމަވާ ދައުލަތެއް ކަމަށް ބުނެފައެވެ.

އދ.ގެ އާންމު މަޖިލިހުގެ ޖަލްސާ ފެށުމުގެ ކުރިން އދ.ގައި ހުންނަ އެމެރިކާގެ މިޝަނުން އިޝާރާތް ކޮށްފައިވަނީ ގަރާރު ފާސްކޮށް ސަލާމަތީ މަޖިލީހަށް މެމްބަރޝިޕް އެޕްލިކޭޝަން ފޮނުވައިފިނަމަ އެމެރިކާއިން އަނެއްކާވެސް އެ ގަރާރު ވީޓޯ ކުރާނެކަމަށާއި އެޕްރިލްމަހު ކުރިމަތިކުރިވިފަދަ ނަތީޖާއަކާ އެގަރާރަށް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އެމެރިކާގެ މިޝަންއިން ބުނީ ފަލަސްތީން އޮތޯރިޓީއަކީ އދ. މެމްބަރުކަމުގެ ޝަރުތު ހަމަވާ އޮތޯރިޓީއެއް ނޫންކަމަށާއި، އެގަރާރުގެ ސަބަބުން ފަލަސްތީނުގެ މެމްބަރުކަމާމެދު ކުރިން އުފެދުނު ކަމްބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށެވެ.

ފާއިތުވި އެޕްރިލްމަހު ފަލަސްތީނު އޮތޯރިޓީން ވަނީ އެ އޮތޯރިޓީގެ މެމްބަރުކަމަށް އެދުނު މައްސަލަ އަލުން ލޯންޗްކޮށް، އެމަހުގެ ފަހުކޮޅު އެމެރިކާއިންވަނީ ފަލަސްތީނުން މެމްބަރޝިޕް ދަރަޖަ ހޯދުމަށް ކުރި މަސައްކަތް ވީޓޯ ކޮށްފައެވެ.

އެގަރާރާމެދު އޭރު ސަލާމަތީ މަޖިލިހުގައި ނެގި ވޯޓުގައި އެމެރިކާ ވީޓޯ ކޮށްފައިވާއިރު، ގަރާރަށް ސަމާލަތީ މަޖިލިހުގެ 12 މެމްބަރަކު ތާއީދު ކޮށްފައި ވެއެވެ. އެމެރިކާގެ ވީޓޯގެ އިތުރުން އެގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ މެމްބަރެކެވެ.

ފަލަސްތީނުގެ ބިޑަކީ ލަދުވެތި ހުށަހެޅުމެއްކަމަށް ބުނެ، އިޒްރޭލުން އެމެރިކާގެ ވީޓޯއަށް ތައުރީފް ކޮށްފައިވާއިރު، ފަލަސްތީން އޮތޯރިޓީގެ ރައީސް ވަނީ ވީޓޯއަކީ ބޭއިންސާ، އަދި ނާތަހުޒީބު ހުށަހެޅުމެއްކަމަށް ސިފަ ކޮށްފައެވެ.

2011 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުވެސް ފަލަސްތީނަށް މިނިވަން މެމްބަރު ގައުމެއްގެ ގޮތުގައި އދ.ގެ ރުހުން ނުދޭން އެޖަމިއްޔާއިން ނިންމާފައި ވެއެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން އދ. އިން ނިންމީ ފަލަސްތީން އޮތޯރިޓީއަށް "ނޮން މެމްބަރ އޮބްޒާވާރ އެންޓިޓީ"ގެ ދަރަޖައިގެ ބަދަލުގައި "ނޮން މެމްބަރ އޮބްޒާވަރ ސްޓޭޓް"އެއްގެ ދަރަޖަ ދިނުމަށެވެ. އެއީ އިޓަލީގައި ހުންނަ ކުރިސްޓިއަން ދީނުގެ ޕޯޕުގެ މައި މަރުކަޒު ކަމުގައިވާ "ވެޓިކަން" އަށްވެސް އދ.ގައި ދީފައިވާ ދަރަޖައެވެ.

ޔޫއެންގެ އާންމު މަޖިލީހުން ނިންމާ ނިންމުންތަކަކީ އެއަށް އަމަލުކުރުން މެމްބަރު ގައުމުތަކަށް މަޖުބޫރުކުރާ ނިންމުންތަކެއް ނޫނެވެ. ޔޫންއެން ނިންމުންތަކަށް އަމަލުކުރުން މެމްބަރު ގައުމުތަކަށް މަޖުބުރުވަނީ ސަލާމަތީ މަޖީލިހުން އެނިންމުންތަކަށް ތާއީދު ކުރުމުނެންވެ. އެމަޖިލިންސް އެކުލެވިގެންވަނީ ވޯޓޯގެ ބާރު އޮންނަ 5 ގައުމަކާއެކު 14 މެމްބަރު ގައުމުގެ މައްޗަށެވެ. ވީޓޯގެ ބާރު އޮންނަ 5 ގައުމަކީ އެ މަޖިލިހުގެ ދާއިމި މެމްބަރުންނެވެ. އެހެން މެމްބަރުންނަކީ ބަދަލުވަމުންދާގޮތަށް ތިއްބަވާ މެމްބަރުންނެވެ.

ވީޓޯގެ ބާރު އޮންނަ 5 ގައުމަކީ، އެމެރިކާ، ރަޝިއާ، ޗައިނާ، އިނގިރޭސިވިލާ އަދި ފްރާންސެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *