މީހަކު ކުރާ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި ފަޟީހަތް ނުކުރަން ރައީސް އެދިވަޑައިގެންފި

މީހަކު ކުރާ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި ފަޟީހަތް ނުކުރަން ރައީސް އެދިވަޑައިގެންފި

Author
އަހުމަދު
06 މެއި 2024 12:07
0

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި ފަޟީހަތްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި، އެއްވެސް މަގްސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ އަހުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަންކަން ނޫން ކަމަށެވެ.

ރައީސް ފާހަގަ ކުރެއްވި ގޮތުގައި ކުށެއް ކޮށްފި މީހަކާ މެދު ކަންކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާއިރު އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމުވެފައިވެއެވެ.

"ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ. އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!" ރައީސް ވިދާޅުވިއެވެ. 

ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވެފައި މިވަނީ މާލޭގެ މަގުމަތިން ދުއްވާފައި ދަނިކޮށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކާރުގައި، އާންމުންގެ މީހެއްގެ ޕިކަޕެއް ޖެހި އެ މައްސަލައިގެ ތެރެއަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން އިމްރާން ލަތީފު (އިންމު) ވަދެވަޑައިގެން ވީޑިއޯކޮށް އާންމުންގެ މީހާ ކޮޅަށް އަރުއްވައި ވާހަކަތަކެއް ދެއްކެވުމާ ގުޅިގެންނެވެ.

އިމްރާން ވީޑިއޯގައި ޑްރައިވަރަށް މައާފުކޮށްދިނުމަށް ކުރީގެ މިނިސްޓަރު ކައިރީގައި އެދިވަޑައިގަންނަވައެވެ. އެކަމަކު، ޖަވާބުގައި އިމްރާން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.މި މައްސަލައިގެ ތެރެއަށް އިންމު ވެންނެވުމުން އޭނާ އަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވިއެވެ. އަދި އިމްރާން ވެސް ބޮޑާކަމާއި ކިބުރުވެރިކަން އިސް ކުރެއްވި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިއުން އިމްރާނަށް ވެސް އަމާޒުވެފައިވެއެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އެ މައްސަލައިގެ ތެރެއަށް އިންމު ވަންނަވަން ޖެހިވަޑައިނުގަންނަވައެވެ. އެއީ ފުލުހުން މެދުވެރިކޮށް ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ކަމަށް ވެސް އެމީހުން ގަބޫލު ކުރެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.