ލިވާޠުގެ ނުބައިކަމާއި، ލިވާޠު ކުރާ މީހާގެ އަދަބަކީ ކޮބާ؟

ލިވާޠުގެ ނުބައިކަމާއި، ލިވާޠު ކުރާ މީހާގެ އަދަބަކީ ކޮބާ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ލިވާޠަކީ އެންމެ ބޮޑުވެގެންވާ އެއް ޖަރީމާ އެވެ. އެންމެ ހަޑިހުތުރުކަން ބޮޑު އެއް ފާފަ އެވެ. އެންމެ ނުބައިފާފަ ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ދުވަހަކުވެސް އެއްވެސް ގައުމެއްގެ މީހުންގެ މައްޗަށް ނުފޮނުއްވާ ވަރުގެ ވަރުގަދަ ކޯފާ އާއި ޢަޛާބު ލިވާޠު ކުރަމުން ދިޔަ ގައުމެއްގެ މީހުންގެ މައްޗަށް ފޮނުއްވިއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެން އެންމެން އެފަދަ ނުބައި ކަންތަކުން ދުރުހެލި ކުރައްވާ ސަލާމަތް ކުރައްވާށިއެވެ.

ސޫރަތުލް އަޢްރާފް ގެ 80 އިން 84 ވަނަ އާޔަތް ތަކުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ﴿٨٠﴾إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚبَلْ أَنتُمْ قَوْمٌ مُّسْرِفُونَ﴿٨١﴾

وَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا أَخْرِجُوهُم مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ ﴿٨٢﴾فَأَنجَيْنَاهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ ﴿٨٣﴾وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُجْرِمِينَ ﴿٨٤﴾) މާނައަކީ: "އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ ތިޔަބައިމީހުންނީ ފާފަކުރުމުގައި ހައްދު ފަހަނަޅައިފައިވާ ބަޔަކީމުއެވެ.

އެކަލޭގެފާނުގެ (އެބަހީ: لوطގެފާނުގެ) قومގެ މީހުންގެ ޖަވާބު ކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުންގެ ރަށުން، އެއުރެން (އެބަހީ: لوطގެފާނާއި، އެކަލޭގެފާނަށް إيمانވެގެން ތިބިމީހުން) ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، طاهرވެގަންނަ ބަޔެކެވެ. ފަހެ،  އެކަލޭގެފާނުގެ އަނބި ކަނބަލުން ފިޔަވައި، އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهلވެރިން، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެކަނބުލޭގެވީ، ހަލާކުވެދިޔަ މީހުންގެ ތެރެއިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ.  ފަހެ، ކުށްވެރިންގެ ނިމުންހުރީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައި ގަންނަވާށެވެ!"

އަލްޙިޖްރު ސޫރަތުގެ 72 އިން 76 އަށް ވަޙީ ކުރައްވާފައިވެއެވެ. (لَعَمْرُكَ إِنَّهُمْ لَفِي سَكْرَتِهِمْ يَعْمَهُونَ ﴿٧٢﴾فَأَخَذَتْهُمُ الصَّيْحَةُ مُشْرِقِينَ ﴿٧٣﴾فَجَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِّن سِجِّيلٍ ﴿٧٤﴾إِنَّ فِي ذَٰلِكَ لَآيَاتٍ لِّلْمُتَوَسِّمِينَ ﴿٧٥﴾وَإِنَّهَا لَبِسَبِيلٍ مُّقِيمٍ ﴿٧٦﴾) މާނައަކީ: "ކަލޭގެފާނުގެ حياةޕުޅު ގަންދެއްވައި وحىކުރައްވަމެވެ. ހަމަކަށަވަރުން، އެއުރެންވަނީ، އެއުރެންގެ މަސްތުގެތެރޭގައި، حيرانވެ، ދެފުށުއެޅޭ حالގައެވެ. ފަހެ، އިރުއެރި ވަގުތުގައި ގަދަފަދަ އަޑު (އައިސް) އެއުރެން ހަލާކު ކުރިއެވެ. ފަހެ، ތިމަން ރަސްކަލާނގެ އެ ރަށުގެ، މައްޗަށް އޮތްފުށް ވަތަށް އޮތްފުށް ކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮން ކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާރޭ ވެއްސެވީމެވެ. ހަމަކަށަވަރުން، އެކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެ ރަށްވަނީ ސާބިތުވެ ފެންނަންއޮތް މަގެއްގައިކަން ކަށަވަރެވެ".

وروى الترمذي (1456) وأبو داود (4462) وابن ماجه (2561) عَنْ ابْنِ عَبَّاسٍ رضي الله عنهما قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مَنْ وَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ فَاقْتُلُوا الْفَاعِلَ وَالْمَفْعُولَ بِهِ ) وصححه الألباني في صحيح الترمذي މާނައަކީ: "ތިރްމިޛީ އާއި އަބޫ ދާވޫދު އަދި އިބްނު މާޖާ، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ޢަމަލު ކުރާ މީހަކު ފެނިއްޖެނަމަ އެކަން ކުރާ މީހާ އާއި ކުރެވޭ މީހާ ގަތުލުކުރާ ހުށިކަމެވެ". މިޙަދީޘަކީ ޝައިޚް އަލްބާނީ-ރަޙިމަހުﷲ- ޞަޙީޙުއް ތިރްމިޛީގައި ޞަޙީޙް ކަމަށް ބަޔާން ކުރައްވާފައިވާ ޙަދީޘެކެވެ.

وروى أحمد (2915) عَنِ ابْنِ عَبَّاسٍ رضي الله عنهما أَنَّ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ ، لَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ ، ثَلاثًا ) މާނައަކީ: "އިމާމް އަޙްމދު-ރަޙިމަހުﷲ- އިބްނު ޢައްބާސް-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. މާތް ﷲ ގެ ނަބިއްޔާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ޢަމަލު ކުރާ މީހުންނަށް މާތް ﷲ ލަޢްނަތް ލެއްވިއެވެ. ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ޢަމަލު ކުރާ މީހުންނަށް މާތް ﷲ ލަޢްނަތް ލެއްވިއެވެ. ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ޢަމަލު ކުރާ މީހުންނަށް މާތް ﷲ ލަޢްނަތް ލެއްވިއެވެ". މިފަދައިން ތިންފަހަރު ތަކުރާރު ކުރެއްވިއެވެ".

ލިވާޠު ކުރާ މީހާގެ އަދަބަކީ ގަތުލު ކުރުން ކަމުގައި ހުރިހާ އަޞްޙާބުން އިޖްމާޢު ވެލައްވައެވެ. އެހެންނަމަވެސް ގަތުލުކުރާނީ ކޮންގޮތަކަށް ކަމާއި މެދުގައި އެބޭކަލުން އިޚްތިލާފު ވެލެއްވިއެވެ. ޢަލީ އަދި އަބޫބަކްރި- ރަޟިޔަﷲ ޢަންހު- ވިދާޅުވަނީ އެފަދަ މީހުން އަލިފާނަށް ލާ އަންދާލުމަށެވެ. އިބްނު ޢައްބާސް ވިދާޅުވަނީ އުސްތަނަކުން ވައްޓާލުމަށްފަހު އޮއްގަލުން ތަޅާ މަރާލުމަށެވެ. ޢަލީ އަދި އިބްނު ޢައްބާސްގެ ކިބައިން އެހެން ރިވާޔަތެއްގައި ވެއެވެ. މަރުވަންދެން އޮއްގަލުން ތަޅާ ރަޖަމް ކުރާނީއެވެ.

ލިވާޠުގެ ޢަމަލު ހިންގައިފައިވާ މީހާއަށް ވެސް ތައުބާ ވުމުގެ ފުރުޞަތު އެބަ އޮތެވެ. އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން إسرافކޮށްފައިވާ، ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّهގެ رحمةން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّهއީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސް ކަލާނގެއެވެ".

ފިރިމީހާ އަކީ ލިވާޠު ކުރާ މީހެއް ކަން ޔަގީން ވެއްޖެނަމަ އެކަމުން ތައުބާ ވުމަށް އޭނާ އަށް ނަޞޭޙަތް ދޭންވާނެއެވެ. އެވަރުންވެސް އޭނާ އިޞްލާޙު ނުވެއްޖެނަމަ ވަރިއަށް އެދެން ޖެހޭނެއެވެ. އަދި ވަރިނުކޮށްފިނަމަ ކޯޓު މެދުވެރިކޮށް ނަމަވެސް ވަރިވާން ޖެހޭނެއެވެ. އެފަދަ މީހުންނާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅުން މުސްލިމް އުޚްތުންނަށް ހުއްދަވެގެން ނުވެއެވެ.

ހަމަ އެފަދައިން ސިޙާގު (އަންހެނުންނާއި އަންހެނުން ޖިންސީ ގުޅުން ހިންގުން) އަކީވެސް ބޮޑުވެގެންވާ ފާފައެކެވެ. މިޢަމަލު ހިންގާ މީހުންނާއި މެދުގައި ވަކި ޙައްދެއް ކަނޑައެޅިފައި ނުވިނަމަވެސް ޙާކިމާ އަށް ފެންނަ ތަޢްޒީރީ އަދަބެއް ދޭން ޖެހޭނެއެވެ. މިފަދަ ނުބައި ކަންތަކުން ސަލާމަތް ވުމަށް ޓަކައި އަންނަނިވި ކަންތަކަށް ސަމާލުވުން މުހިންމެވެ.

  1. ﷲ އަށް ތަގްވާވެރިވެ ތައުބާވުމަށް އަވަސް ވެގަތުން،
  2. ﷲ ޙަރާމް ކުރެއްވި ތަންތަނަށް ނުބެލުން.
  3. ކޮންމެވެސް ދުވަހަކުން މަރުވާނެކަމާއި ދުނިޔެމަތީގައި ކޮށްފައިވާ ކަންތަކުގެ ޙިސާބު ކިތާބު ދޭން ޖެހޭނެކަން ހަނދާން ކުރުން.
  4. އަވަހަށް ކައިވެންޏެއް ކުރުން.

މިފަދަ ނުބައި ޖަރީމާ ތަކަށް އަރައިގަންނަ މީހުންނާއި އެކު ގާތް ގުޅުމެއް ނުވަތަ ރަޙްމަތްތެރިކަން ބޭއްވުމަކީ އެއްގޮތަކަށްވެސް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އިސްލާމްދީން އަންގަވަނީ ޞާލިޙް ރަގަޅު ހެޔޮ ރަޙްމަތްތެރިން އިޚްތިޔާރު ކުރުމަށެވެ.

والله أعلم.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *