މިހާރުގެ ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން އޭރުގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި، ގުޅިގެން އޭރު އޮތް ޤާނޫނީ ސަރުކާރު ވައްޓާލަން ރޭވިކަމުގެ ތުހުމަތު ފުރަތަމަ ފަހަރަށް އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ކުރައްވައިފިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕްރީމް ކޯޓުން ޓީނު ނެގި މައްސަލައާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ޤާޒީ އަބްދުﷲ މުހައްމަދު ވަގަށް ނެގި މައްސަލަ އަލުން ބަލަން ޖެހޭ ކަމުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައީސް ޔާމީން ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށެވެ. މިއީ މިކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އެއްޗެކޭ ވިދާޅުވި ފުރަތަމަ ފަހަރެވެ.
އެމަނިކުފާނު ވިދާޅުވީ މިމައްސަލާގައި ބަލަންޖެހޭ ކަމުގައިވާނަމަ ބަލަންޖެހޭނީ އޭރު އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމަށް ސްޕްރީމް ކޯޓުގައި އޭރު ތިއްބެވި ބައެއް ފަނޑިޔާރުންނާއި ގުޅިގެން ވެރިކަން ވައްޓާލަން ރޭވިކަމުގެ މައްސަލަ ކަމަށެވެ. ކުރީގެ އުއްތަމަ ފަނޑިޔާރުވަނީ އެކަން ކުރުމުގައި އިސްކޮށް އޮތީ އޭރުގެ އިދިކޮޅު ކޯލިޝަން އަދި މިހާރުގެ ވެރިކަން ކުރާ ކޯލިޝަންކަމަށް ނިސްބަތްވާ ގޮތަށް ވިދާޅުވެފައެވެ.
ރައީސް ޔާމީނުގެ އަމުރަށް ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް. ބަލަންޖެހޭ ޙަޤީޤީ މައްސަލައަކީ، ޤާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތުކުރެވުނު، ކުރެވޭ ފަރާތްތަކުގެ މައްސަލަ.
– ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ކަނޑައެޅި އެވެ.
މި އަމުރު އޭރުގެ ސަރުކާރުން ތަންފީޒު ނުކުރީ، މިއަމުރުގައި ތުހުމަތު ކުރެވޭ އެތައްކަމެއް ހާމަވެ، ސަރުކާރު ވައްޓާލަން ރޭވިގެންދެވުނު ހަމަލާއެއްކަމަށް ބުނެއެވެ. އަދި މި ނިންމުމަކީ ދައުލަތް ހިންގަން ބުރޫއަރައި، ގާނޫނުއަސާސީ އޮޅުންބޮޅުންވެދާނެ ކަމަށް ވާތީ އެއަމުރު ސަރުކާރުން ތަންފީޒު ކޮށްފައި ނުވެއެވެ. އަދި އެއީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ނެރުއްވި އަމުރެއް ކަމަށް ތުހުމަތު ކޮށް، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ދެ ބޭފުޅުން ވަނީ ހައްޔަރުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ