ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގައި ހުރި މައިންތައް ނެގުމަށް ފްރާންސާއި އޮމާން ގުޅިގެން މަސައްކަތްކުރަން ނިންމައިފިއެވެ.
ދުނިޔޭގެ ޖުމްލަ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރާ މި ކަނޑުއޮޅީގައި ހުރި މައިންތައް ނެގުމުގައި އެއްބާރުލުންދީ، ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން ވަނީ ވިދާޅުވެފައެވެ. މެކްރޯން ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ އެއްވެސް ޝަރުތެއް ނެތި މިނިވަންކަމާއެކު އެ ކަނޑުއޮޅިން ދަތުރުކުރެވޭނެކަން ކަށަވަރުކުރުމެވެ. ހޮރްމޫޒް ކަނޑުއޮޅިއަށް އެއްވެސް ބުރޫއެރުމެއް އައިސްފިނަމަ، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އިންތިހާއަށް އުފުލި، ސަރަހައްދީ ހަމަނުޖެހުން ބޮޑުވެދާނެކަމުގެ ބިރު ވަނީ އުފެދިފައެވެ.
ނަމަވެސް، ފްރާންސާއި އޮމާނުގެ މި ނިންމުމާ ގުޅިގެން އީރާނުން ވަނީ އެކަމަށް ހުއްދަ ނުދޭނެކަން ހާމަކޮށްފައެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ގާސިމް ޣަރީބާބާދީ ވިދާޅުވީ މައިންތައް ނެގުމަކީ ހަމައެކަނި އީރާނުގެ ޒިންމާއެއް ކަމަށާއި، އެ މަސައްކަތުގައި އެހެން އެއްވެސް ފަރާތަކަށް ބައިވެރިނުވެވޭނެ ކަމަށެވެ. އަދި މި ނާޒުކު ދަނޑިވަޅުގައި ފްރާންސުން މި ހާލަތު އިތުރަށް ގޯސް ނުކުރުމަށް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ