ޚަބަރު އޮންލައިން ޕޯލް: އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނީ ޕީޕީއެމް

ޚަބަރު އޮންލައިން ޕޯލް: އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނީ ޕީޕީއެމް

Author
މުޙައްމަދު ޝަޒައިމް
19 ޑިސެމްބަރ 2020 10:27
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނެ ބަޔަކާއި ގުޅޭގޮތުން އާންމު ޚިޔާލު ހުރިގޮތް ބެލުމަށް ޚަބަރު އޮންލައިނުން ގެނެސްދިން ޕޯލް ބޮޑު ތަފާތަކުން އިދިކޮޅު ޕީޕީއެމް ކާމިޔާބު ކޮށްފިއެވެ.

ކައުންސިލް އިންތިޚާބުގައި އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވޭ ސަރުކާރު ހިންގާ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްއާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ހިމެނޭހެން އާންމުގެ ޚިޔާލު ހުރިގޮތެއް ބެލުމަށް ނެގުނު މި ޕޯލްގައި ގިނަބަޔަކު ވޯޓު ދީފައިވަނީ މި އިންތިޚާބު ބޮޑުތަނުން އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރާނެކަމަށެވެ.

ޕޯލުން ދައްކާ ގޮތުން އިދިކޮޅު ޕީޕީއެމް އަށްވަނީ 74.5 އިންސައްތަ ވޯޓު ލިބިފައެވެ. ސަރުކާރު ހިންގައި މައިޕާޓީ އެމްޑީޕީ އަށް ލިބިފައިވަނީ 25 އިންސައްތަ ވޯޓެވެ. ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 0.5 އިންސަތަ ވޯޓެވެ. މި ޕޯލްގައި 7,843 މީހުން ވޯޓު ދީފައިވެއެވެ.

ކައުންސިލް އިންތިޚާބު އަންނަ މާރޗު މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، ސަރުކާރު ހިންގާ އެމްޑީޕީއާއި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންވެސް ވަނީ އިންތިޙާބުގެ ކެންޕެއިން ކޮންމެވެސް ވަރަކަށް ކުރަމުންނެވެ. އިދިކޮޅު ކޯލިޝަންގެ އެންމެ ބޮޑު ޝަކުވާއަކީ އިންތިޚާބުގައި ކެންޕެއިން ކުރުމަށް ރަށްރަށަށް ދިއުމަށް ފުރުސަތު ނުލިބުމެވެ. އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މި އިންތިޚާބުގައި މުޅި ލީޑަރޝިޕް މާލެ ބަންދުކޮށްފައި އޮތަސް ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ.

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިނެގެ ބައްދަލުވުމުގައި ވިދާޅުވީ ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނީ މަޖިލީހުގެ އިންތިޚާބުގައި ލިބުނު ކާމިޔާބީއަށްވުރެވެސް ބޮޑުތަފާތަކުން ކަމަށެވެ. އެމްޑީޕީއަކީ އަކީ އަބަދުވެސް އިންތިޚާބެއް ނުލިބިފައި ތިބޭ ބައެއްކަމަށާއި، ކޮންމެ ތާކު ބާއްވާ ކޮންމެ އިންތިޚާބެއްގައިވެސް ވާދަކުރަން ފުރުސަތު ލިބިއްޖެނަމަ އެއިންތިޚާބެއް ބޮޑުތަނުން އެމްޑީޕީން ކާމިޔާބް ކުރާނެ ކަމާއިމެދު ޝައްކެތް ނެތްކަމަށް އެމްޑީޕީގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ކައުންސިލް އިންތިޚާބު އަންނަ މާރޗް މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި އިއުލާން ކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތްހާ ދުވަހަކު އިންތިޚާބު ބޭއްވުމުގެ ފުރުސަތެއް އިލެކްޝަން ކޮމިޝަނަށް ލިބިގެން ނުވެއެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބް ބާއްވާނެ ސީދާ ތާރީހެއް އެގޭނީ ޞިއްޚީ ކުއްލި ހާލަތު އުވާލުމުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.