ކޯވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައި އޮތް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހަކަށް މިއަދު ވެއްޖެއެވެ.
ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއަދަކީ ބޯޑަރު ހުޅުވާލިފަހުން އަނެއްކާވެސް ރެކޯޑެއް ގާއިމް ކުރެވުނު ދުވަހެއް ކަމުގައެވެ. މިއަދު ރާއްޖެއަށް ވަނީ 4567 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
Another record day of daily tourist arrivals to #Maldives since border reopening. Today we surpass the beautiful number of 4567 tourists on a single day.
Thank you ALL for your contributions towards #Maldives tourism recovery. #TogetherWeCan @visitmaldives #VisitMaldivesNow— Abdulla Mausoom (@Mausoom_Maus) December 19, 2020
ބޯޑަރުހުޅުވާލިފަހުން އިއްޔެ އައިސްފައިވަނީ 3،418 ފަތުރުވެރިންނެވެ. އެއްދުވަހުން އަނެއް ދުވަހަށް ރާއްޖެއަށް އަންނަ ފަތުުވެރިން ގިނަވެ، ގިނަ އެއާލައިންތަކުންވެސް ވަނީ ރާއްޖެއަށް ދަތުރުފަށާފައެވެ. މިއަދާއި ހަމައަށް އެންމެ ގިނައިން ޓޫރިސްޓުން އައީ މި މަހު 13 ގައި، 4،191 ޓޫރިސްޓުންނެވެ. އޭގެ ކުރީ ދުވަހު، ޑިސެމްބަރު 12 ގައި، އެއް ދުވަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް 3،000 ހުރަސްކޮށް، 3،864 އަށް އެރި އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޖުލައި 15 ވަނަ ދުވަހު ހުޅުވާލިފަހުން މިއަދާއި ހަމަޔަށް ކުރަމުންދިޔަ ބުރަ މަސައްކަތުން ރާއްޖެއިންވަނީ ބޮޑު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ރާއްޖެއަށް މިމަހުގެ 17 ވަނަ ދުވަހާއި ހަމަޔަށް ވަނީ 5 ލައްކަ ވަނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެއްލައްކަ ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް މިހާރު އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން އަންނަ އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.
ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު މަރޗް މަހުގެ ތެރޭގައި ބަންދުކުރަން ޖެހުމާއި، މުޅި ދުނިޔޭގެ ޓޫރިޒަމް ސިނާޢަތަށް އައި ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަށް އައި ބޮޑު ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތް ހަލުވިވެގެންދާ އެއް ސަބަބަކީ ޓޫރިޒަމް ސިނާޢަތުގައި މަސައްކަތްކުރާ އެންމެންގެ ބައިވެރިވުން މިކަމުގައި އޮތް މިންވަރު ކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ފާހަގަ ކުރައްވައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއިން ވަނީ މިއަހަރު ހާސިލްކޮށްފައެވެ. ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރު ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.
ކޮމެންޓު ފޮނުވާ