ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ހާންގެ ގެއަށް ހަމަލާ ދިން މައްސަލައިގައި ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ނަމަވެސް މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންނާއި ބެހޭގޮތުން ފުލުހުން މިހާތަނަށް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
މި ދެމީހުން ހއްޔަރު ކުރުމުގެ ކުރިން ފުލުހުން ވަނީ ވީޑީއޯ ފުޓޭޖް އެއް އާންމު ކޮށްފައިއެވެ. މި ފުޓޭޖުން އެގޭގެ ކައިރީގައި އެދެމީހުން ހަރަކާތްތެރިވާތަށް ފެނެއެވެ. އެ ދެ ފިރިހެނުން ރޭ ހައްޔަރުކުރީ ގުޖްތާރުގެ ބޫޖުއިންނެވެ.
މުންބާއީގެ ބަންޑްރާގައި ހުންނަ ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓަށް ބަޑިން ހަމަލާތަކެއް ދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. ގެއަށް ވަޒަންތަކެއް ފޮނުވައިލުމަށް ފަހު އެ މީހުން ވަނީ ފިލައިފަ އެވެ. މިކަމާ ގުޅިގެން މުމްބާއީ ފުލުހުން ވަނީ ސަލްމާނާއި އޭނަގެ ގޭގެ ސެކިއުރިޓީ ވެސް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.
ފުލުހުން މިހާރު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުން އަންނަ އިރު، މީގެ ކުރިން ވެސް ތަކުރާރުކޮށް ސަލްމާނަށް މަރުގެ އިންޒާރުތަކެއް ދިން ގޭންގްސްޓާރެއް ކަމަށް ލޯރެންސް ބިޝޯނީގެ ކޮއްކޮ އައްމޯލް ވަނީ އެ ސަލްމާން ގެއަށް ދިން ހަމަލާގެ ފަހަތުގެ ހުރީ އޭނަ ކަމަށް ބުނެފަ އެވެ. އޭނަ ބުނީ މިއީ އަދި ކުޑަވަރެއްގެ ޓްރެއިލާއެއް ކަމަށާއި އަދި އަސްލު ހަމަލާ ކުރިއަށް އޮތީ ކަމަށެވެ.
މީގެ ދެއަހަރެއް ކުރިން ފެށިގެން ސަލްމާން އަށް އަންނަނީ މަރުގެ އިންޒާރު ލިބެމުންނެވެ. އެއާއި އެކުގައި އޭނާ އާއި ގޭގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަ ކޮށްފައިއެވެ. މި ހަމަލާ އާއި އެކުގައި އެ ގޭގެ ސެކިއުރިޓީ ވަނީ މިހާރު އިތުރަށް ވަރުގަދަ ކޮށްފައިއެވެ. އަދި ސަލްމާން ވެސް މިހާރު އުޅެނީ ބޮޑީގާޑުންގެ ފައުޖަކާއި އެކުގައިއެވެ.