ޗައިންނާއި އިންޑިއާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް ހެދުމަށް ވިސްނަމުންދާ ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ރައީސުލްޖުމްޖޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މާވަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ޗައިނާއާ އެކު 720 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި އަދި އިންޑިއާއާ އެކު 780 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ރާއްޖެއިން ކުރާ ކަމަށެވެ.
ޗައިނާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރަށް ވާނީ ރާއްޖެއަށް ދައުވަތު ދީފައި. އޭގެ ޖަވާބުވެސް އެބައޮތް ލިބިފައި. އަޅުގަނޑުމެން ކަރަންސީ ސޯޕް އެރޭންޖު މެންޓްގައި ޓްރޭޑް ފެސިލިޓޭޝަންއަށް ހަމައެކަނި 720 މިލިޔަން ޑޮލަރުގެ ބައިކުޅަބައި ލިބުނު ކަމުގައިވިޔަސް ދިވެހި ވިޔަފާރިވެރިންނަށް، ޗައިނާއިން އިންޕޯޓްކުރާ މުދާ ޔުވާންއިން، އަދި ދިވެހި ރުފިޔާއިން ޕޭ ކުރެވޭނެ. ހަމައެގޮތަށް އިންޑިއާއިން އަޅުގަނޑުމެން ގެންނަ އެއްޗެއްސަށް އަޅުގަނޑުމެންގެ އަމާޒުހުރީ ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތެއް ހޯދުން.
ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ޗައިނާގެ ޔުއާންއިން ރާއްޖެ ގެންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އިންޑިއާއިން ގެންނަ މުދަލަށްވެސް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ އަގު އުފުލިގެންދާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ.