އިންތިޚާބު ބޭއްވޭނެ ތާރީހެއް އެގޭނީ ޞިއްޚީ ކުއްލި ހާލަތު އުވާލާ ދުވަހަކުން: ޝަރީފް

އިންތިޚާބު ބޭއްވޭނެ ތާރީހެއް އެގޭނީ ޞިއްޚީ ކުއްލި ހާލަތު އުވާލާ ދުވަހަކުން: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
19 ޑިސެމްބަރ 2020 11:07
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭނެ ތާރީހެއް ދަންނަވަން އެގޭނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އިންތިޚާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މާރޗް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކަމަށެވެ. ނަމަވެސް މިހާރު އެތާރީހުގައި އިންތިޚާބު ބޭއްވިދާނެ ކަމާއިމެދު ސުވާލު އުފެދޭކަމަށެވެ. އިންތިޚާބް ބޭއްވެން އަންނަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ޞީއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ނިމިގެން ކަމަށާއި، ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުލައިގެން ގޮސްދާނެ ދުވަހެއް ނުވަތަ އެކަން ބާތިލްވާނެ ދުވަހެއް އެގިފައި ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އިންތިޚާބް ބޭއްވެން މިއަންނަނީ އެޗްޕީއޭއާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެން. އެހާލަތު އުވާލާތާ 7 ދުވަހުގެ ތެރޭގައި އިންތިޚާބް އިއުލާން ކުރަންޖެހޭކަމަށް ވަގުތީ ޤާނޫނުގައިވެސް ބުނެފައިވަނީ. އަޅުގަނޑުމެންނަށް އިންތިޚާބް ބޭއްވޭނީ މިކަންކަން އެގުމުން.

– ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބް ނުބޭއްވި ދިގުލައިގެން ދިއުމުން ވަރަށް ގިނަ ބަޔަކު ނަންވެސް ނަގާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 114 މީހަކު ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ހިމެނޭހެން ނަން އަބުރައި ނަގާފައިވާކަމަށެވެ. އަދި ބައެއް ދާއިރާތަކުގައި އިންތިޚާބު ނުބާއްވައި އަދަދަށް ކުރިމަތިލާފައިވާ ދާއިރާތައްވެސް އެބަހުރިކަމަށެވެ. އޭނާ ވިދާޅުވީ އިންތިޚާބު ދިގުލައިގެންދާ ވަރަކަށް ޤާނޫނީ ގޮތުންވެސް އުފެދޭ ސުވާލުތަކާއި މައްސަލަތައް ހައްލުކުރަން ޖެހޭކަމަށެވެ. އެކަންކަން ކުރުމަށްވެސް ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުންދާކަމަށެވެ.

ޝަރީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އިންތިޚާބް ބޭއްވުމަށް ތައްޔާރުވި ކަމުގައި ވީނަމަވެސް އިންތިޚާބަށް ބޭނުންވާ ބަޖެޓާއި، އިންތިޚާބް ބާއްވާނެ ތާރީހެއް ސާފުނުވެ މަސައްކަތް ކުރަންޖެހުމުން ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ އިންތިޚާބް ބޭއްވީ މިހާރު ކަނޑައަޅާގައިވާ ބަޖެޓުގެ އިތުރަށް 13 މިލިޔަން ރުފިޔާ ލިބިގެން ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.