ކުރިއަށް އޮތް ތަނުގައި ފެނަކަ ކޯޕަރޭޝަންގެ ހާލަތު ރަނގަޅުކޮށް، ކަރަންޓުގެ މައްސަލަތަކަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ގެ މިއަދުގެ ސެގްމަންޓުގައި ވ. ރަކީދޫ، ގުލްޒާރުހިޔާ، މޫނިސާ ދާއޫދު ކުރި ސުވާލަކީ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދައި ދެވޭނެ ދުވަހަކާ މެދުގައެވެ.
ރައީސްގެ ޖަވާބު
7 އޭޕްރީލް 2024ވ.ރަކީދޫ، ގުލްޒާރުހިޔާ، މޫނިސާ ދާއޫދު، ރަށްތަކުން ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމާއިމެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/Ac1pzf4ctq
— Government of Maldives (@governmentmv) April 7, 2024
އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކައިގެ ބްރާންޗުތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށެވެ. ކުންފުނި އެތައް މިލިއަން ރުފިޔާއަކުން ދަރާފައި އޮތް ނަމަވެސް ޖެންސެޓްތަކާއި އެކި ކަހަލަ އާލާތްތައް ހުރީ އެއްްގޮތަކަށް ވެސް މެއިންޓެއިން ނުކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޖެންސެޓްތަކާއި އެކި ކަހަލަ އާލަތްތައް ހުރީ އެއްގޮތަކަށް ވެސް މެއިންޓެއިން ނުކޮށް. އެއްގޮތަކަށް ވެސް ނުބަލަހައްޓާ. އޭގެ ސަބަބުން އެތައް ރަށެއްގައި މި ވަނީ އެތަކެތި ބަދަލު ކުރަން ޖެހިފަ. އެއީ ހާލަތަކީ." ރައީސް ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ އެކި ރަށްރަށުގައި ބަދަލުކުރަން ޖެހިފައި ހުރި އެކިއެކި ޖެނެރޭޓަރުތަކާއި އާ ޖެނެސެޓް ގެނައުމުގެ މަސައްކަތްތައް މި ސަރުކާރުން ކުރަމުންދާ ކަމަށެވެ. ކުންފުނި މިހާރު އޮތް ހާލަތުން ނަގައި ކޮޅަށް ޖެހުމާ އެކު، ދެން ހުރި މަސައްކަތް ވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ ހަމައެކަނި ވިސްނުމުގައެއް ނޫން އެކަން އޮތީ، އަޅުގަނޑުމެން ޓްރާންސެޝަލް މަރުހަލާގައި އެއްކުރި މައުލޫމާތުން އެކަން އެނގިފައިވާތީ އެ ހިސާބުން ފެށިގެން. މިހާރު ވެސް ބައެއް ރަށްތަކަށް ވަނީ ހައްލު ގެނެސްފައި،" ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ ފެނައިކައިގެ ހާލަތު ރަނގަޅު ކުރެވިގެން ގޮސް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.