މާފަރުގައި 50 ކޮޓަރީގެ އެއާޕޯޓު ހޮޓަލެއް އަޅައި، އޮޕަރޭޓު ކުރާނެ ބަޔަކު ހޯދަނީ

މާފަރުގައި 50 ކޮޓަރީގެ އެއާޕޯޓު ހޮޓަލެއް އަޅައި، އޮޕަރޭޓު ކުރާނެ ބަޔަކު ހޯދަނީ

Author
ހުސައިން
30 މާރޗް 2024 09:34
0

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި 50 ކޮޓަރީގެ އެއާޕޯޓް ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އައިލެންޑް އޭވިއޭޝަނުން ހުޅުވާލައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރުކުރުމަށް ވެފައިވާ ވަޢުދުގެ ދަށުން، އެއަރޕޯޓްގެ ވަސީލަތްތައް ފުރިހަމަކޮށް، އެސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިވުމުގެ މަޤްޞަދުގައި، 50 ކޮޓަރީގެ އެއަރޕޯޓް ހޮޓަލެއް ތަރައްޤީކުރުމަށް ބޭނުންވާ އީ.އޯ.އައި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

މިގޮތުން މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފާރާތްތަކުން ދެ ފަރާތައްވެސް ފައިދާވާނެ ވިޔަފާރި މޮޑެލްއެއްގައި ބިސްނަސް ޕްލޭނެއް އެކުލަވާލައި އެކުންފުންޏާއި ހިއްސާކުރުމަށް އެދޭ ކަމަށް އައިލެންޑް އޭވިއޭޝަނުގެ އިއުލާނުގައި ބުނެފައި ވެއެވެ. އަދި މި ފުރުސަތް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާކަން ވަނީ ހާމަކޮށްފައި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހޮޓެލް ޑިވެލޮޕްމަންޓް ނަމުގައި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އަންނަ މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައި އެވެ.

މާފަރު އިންޑަނޭޝަނަލް އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ އެހީގައި ތަރައްޤީކޮށް 2019 ވަނަ އަހަރު އޮޕަރޭޝަނަށް ގެނައި އެއާޕޯޓެކެވެ. މި އެއާޕޯޓް ހިންގަމުން ގެންދަނީ އައިލެންޑް އޭވިއޭޝަނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.