އެޖެންޑާ 19 ގެ އިންސާފުގެ ޤާނޫނުތައް މަޖިލީހުން ފާސްކުރެވިއްޖެ: ރ.ނަޝީދު

އެޖެންޑާ 19 ގެ އިންސާފުގެ ޤާނޫނުތައް މަޖިލީހުން ފާސްކުރެވިއްޖެ: ރ.ނަޝީދު

Author
މުޙައްމަދު ޝަޒައިމް
18 ޑިސެމްބަރ 2020 02:54
0

އިންތިޤާލީ އިންސާފުގެ ޤާނޫނާއި އެކީ އެޖެންޑާ 19 އިން ރައްޔިތުންނަށް ވެފައިވާ އިންސާފުގެ ހުރިހާ ޤާނޫނެއް މަޖިލިސް ތެރެއިން ފާސްވެ ނިމުނީކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި، ބައެއް އާންމުން ކިޔަމުންދާ ފާޑިކުތުންތަކާއި ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އިންތިޤާލީ އިންސާފުގެ ޤާނޫނާއިއެކީ މަޖިލިސް ތެރެއިން ހާސިލް ކުރުމަށް ކަނޑައެޅި އިންސާފުގެ ޤާނޫނުތައް ފާސް ކުރެވުނީ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އެޖެންޑާ 19 ގެ ތެރެއިން އިންސާފު ޤާއިމް ކުރުމަށް ވެފައިވާ އެންމެބޮޑު ވައުދަކީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮބްޕިޒިޝަނަށް ބަދަލު ގެނެސް ޖޭއެސްސީ އިސްލާހު ކުރުމެވެ. ނަމަވެސް މަޖިލީހުގެ މަސައްކަތް މިއަހަރަށް ނިމިގެންދިޔަ އިރުވެސް ޖޭއެސްސީއަށް ބަދަލެއް ގެނެސްފައި ނުވެއެވެ. އަދި އެކަން ކުރުމުގެ ވިސްނުމެއްވެސް ގެންގުޅުއްވާފަދަ އިޝާރާތެއް މިހާތަނަށް ކޮށްފައި ނުވެއެވެ. އަދި ޖޭއެސްސީގެ ކޮމްޕިޒިޝަން ބަދަލު ކުރުމަށް ހުށަހެޅި އިސްލާހުވެސް ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ޖޭއެސްސީގެ ކޮންޕޮޒިޝަން ބަދަލު ކުރުން ލަސްވެ ވައުދު ފުއްދުން ލަސްވާ ސަބަބާއިގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން މަޖިލިސް ރައީސް ވިދާޅުވެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތް ބަދަލުކުރުން ލަހެއް ނުވާކަމަށެވެ.

ޖޭއެސްސީގައި މި ވަގުތު އޮތީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެޖޯރިޓީއެކެވެ. އެ ކޮމިޝަންގެ ރައީސް އަކީ ތުޅާދޫ ދާއިރާގެ އެމްޑީޕިގެ މެންބަރު ހިސާން ހުސައިންއެވެ. ނައިބު ރައީސްއަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ މެންބަރު މަސްތޫރު ހުސްނީއެވެ. އެ ކޮމިޝަންގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް އިންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.