އިންތިޤާލީ އިންސާފުބިލު ތަސްދީޤު ކުރުމަކީ ކަށްވަޅު ކޮނުން ކަހަލަ ކަމެއް: ޝިޔާމް

އިންތިޤާލީ އިންސާފުބިލު ތަސްދީޤު ކުރުމަކީ ކަށްވަޅު ކޮނުން ކަހަލަ ކަމެއް: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
18 ޑިސެމްބަރ 2020 01:42
0

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން، ހިންގާފައިވާ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު މައްސަލަތައް ބެލޭގޮތަށް ފާސްކުރި އިންތިޤާލީ އަދާލަތުގެ ބިލް ތަސްދީޤު ކުރުމަކީ ކަށްވަޅު ކޮނުން ކަހަލަކަމެއް ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.

މިބިލް ޤާނޫނަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގާ އެމްޑީޕީން ކުރަމުންދާ މަސައްކަތުގެ ޚާއްސަކޮށް ހުށަހަޅަމުންދާ ބިލުގެ %45 ބިލަކީ ޤާނޫނު އަސާސީއާއި ތަޢާރަޒުވާ ބިލުތަކެއް ކަމަށެވެ. އަދި ރައީސް ތަސްދީޤު ކުރެއްވި އިންތިޤާލީ އިންސާފުގެ ބިލަކީ އާންމު ރައްޔިތުންގެ އިޖުތިމާއީ އަދާލަތު ގެއްލުވާލައި، ހަމަޖެހުން ގެއްލޭ ގޮތަށް ފުރުސަތު ދިނުމަށް ތަސްދީގު ކުރެއްވި ބިލެއްކަމުއި ޝިޔާމް ވިދާޅުވިއެވެ.

މި ސަރުކާރުން މަޖިލީހަށް ފޮނުވި %45 ބިލު ޤާނޫނު އަސާސީއާއި ތަޢާރަޒުވޭ. އަދި ގިނަ ބިލްތަކުގައި ވަނީ ބަދަލު ހިފުމުގެ ރޫހު. އިންތިޤާލީ އަދާލަތުގެ ބިލް ތަސްދީޤު ކުރުމަކީ ކަށްވަޅު ކޮނުން ކަހަލަ ކަމެއް. ފިތުނަ ފަސާދަ އުފެދި އިޖުތިމާއީ ހަމަޖެހުން ގެއްލިގެންދާނެ ބިލެއް.

– ޝިޔާމް ވިދާޅުވިއެވެ.

އިންސާފު ނުލިބިވާ މައްސަލަތައް ބެލުމުގެ ބާރު ޤާނޫނުން ލިބިދޭ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފައެވެ. މި ޤާނޫނުގައި ބުނާގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އެކުލެވިގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 3 ބޭފުޅުންގެ މައްޗަށެވެ. އަނިޔާލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރުވެސް މިއޮފީހަށް ބިލްގައި ދީފައިވެއެވެ. ކުރިން ބަލައި ނިމިފައިވާ މައްސަލަތަކުގެ ތެރެއިން އިންސާފު ނުލިބިވާ މައްސަލައަކާ ގުޅިގެން އައު ހެއްކެއް ފެނިއްޖެނަމަ އެމައްސަލައެއް އަލުން ބަލައި ތަޙުޤީގު ކުރުމުގެ ބާރުވެސް މިޤާނޫނުގެ ދަށުން "އޮމްބަޑްސްމަން" އޮފީހަށް ލިބިގެންދާނެއެވެ.

ސަރުކާރުން މަޖިލީހަށް ބިލްތައް ހުށަހަޅަމުންދަނީ ބޮޑު ވިޔަފާރިއެއްގެ ތެރެއިން ވަކި ބަޔަކަށް ފައިދާވާގޮތަށް ކަމުގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އެތައް ފަހަރަކު ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ބިލްތަކަކީ އެއްޤާނޫނު އަނެއްޤާނޫނާއި ތަޢާރަޒުވެ ޤާނޫނީ ގޮތުން ގިނަ ފުށޫއެރުންތަކެއް އެކުލެވޭ ބިލްތަކެއްކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.