ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ހާޓު އެޓޭކެއް ޖެހިގެން ނިޔާވި ގދ. ހޯނޑެއްދޫ، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި މިހާތަނަށް ބެލިބެލުމުގައި ފުލުހުންގެ މައްސަލައެއް ނެތް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ރަޝީދު އޮކްޓޫބަރު 25، 2022 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ހޯނޑެއްދޫގައި ހިންގި އެ އޮޕަރޭޝަންގައި އަބްދުﷲ ރަޝީދު ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށުން ލޯންޗަށް އެރުވި ތަނުން މެޔަށް ތަދެއް އަރައިގެން އެ ވޭނުގައި އޭނާ ވަނީ ނިޔާވެފައެވެ. އާއިލާ އިން ތުހުމަތު ކުރި ގޮތުގައި އަބްދުﷲ ރަޝީދު ނިޔާވީ މެއަށް ތަދެއް އެރުމުން ފަރުވާ ދިނުމަށް ފުލުހުން އިންކާރު ކުރުމުންނެވެ.
މި ތުހުމަތުތަކާ ގުޅިގެން، ފުލުހުންގެ އިހުމާލެއް މިކަމުގައި ވޭތޯ ބެލުމަށް ހާއްސަ ތަހުގީގެއް ހިންގުމަށް ނިންމާ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ވަނީ ހަދައިފައެވެ. ޕޯސްޓްމޯޓަމް ހެދީ އާއިލާ އިން އެކަމާ ދެކޮޅު ހަދާފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލުގެ ޖަވާބުގައި އިހުސާން ވިދާޅުވީ މައްސަލައާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް މައްސަލައެއް އޮތްތޯ ފުލުހުންގެ ތެރެއިން ބަލާފައިވާނެ ކަމަށާއި އެފަދަ މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށެވެ.
ފިރުޝާން ސުވާލު ކުރެއްވީ އެ މައްސަލަ ނިންމާ ޕީޖީ އޮފީހަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބުނެފައިވާތީ އޭގެ ފަހުން ހަތް މަސް ވެގެން ދިޔައިރު، ދައުވާ ނުކުރެވިގެން އުޅެނީ ކީއްވެތޯއެވެ.
"މިހާތަނަށް ބެލި ބެލުމުން އަޅުގަނޑުމެންނަކަށް ފާހަގަވެފައެއް ނެތް ފުލުހުން އެ އޮޕަރޭޝަންގައި އެވަގުތު އަމަލު ކޮށްފައި އިން ގޮތުގެ މައްސަލަތަކެއް." އިހުސާން ވިދާޅުވިއެވެ.