އެމްޓީސީސީއަށް 40 އަހަރު، ޤައުމުގެ ތަރައްޤީގެ އާރުކާޓީ!

އެމްޓީސީސީއަށް 40 އަހަރު، ޤައުމުގެ ތަރައްޤީގެ އާރުކާޓީ!

Author
މުޙައްމަދު ޝަޒައިމް
18 ޑިސެމްބަރ 2020 12:23
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ، ވުޖޫދަށް އައީ 18 ޑިސެމްބަރު 1980 ގައެވެ. މިއަހަރަކީ ކުންފުނި ވުޖޫދުވިތާ ކާމިޔާބު 40 އަހަރު ފާއިތުވާ، ގޮންޖެހުން ބޮޑު އަހަރެވެ. ކޯވިޑް 19 އާއި ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި އެކުންފުނި ގިރާކުރަން ނުޖެހޭ ދަތި އުދަގޫ ކަންތައްތަކާއި މިއަދު ވަނީ ކުރިމަތިލާފައެވެ. މާލީ ގޮތުންނާއި، މަސައްކަތުގެ ދާއިރާތަށްވެސް ލޮޅުންތަކެއް އައި އަހަރެކެވެ.

އެމްޓީސީސީ ރައްޔިތުންނާއި ހަމައަށް އެގިފައި އޮންނަނީ ރައްޔިތުންނަށް ޚިދުމަތްދޭ ތަރައްޤީގެ އާރުކާޓީގެ ގޮތުގައެވެ. ޚާއްސަކޮށް ރައްޔިތުންގެ އެންމެ އަސާސީ ކަންކަމުގެ ގޮތުގައި ޤާނޫނު އަސާސީން ފޯރުކޮށްދޭން ކަށަވަރުކޮށްދީފައިވާ، ފެނާއި، ނަރުދަމާގެ ނިޒާމަކީ މީގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ އަސާސީ މަސައްކަތްތަކެވެ. އެމްޓީސީސީގެ ޚިދުމަތަކީ މިއަދު ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މަސައްކަތްތަކަށް ވަނީވެފައެވެ. އާންމު އެއްގަމުގެ ދަތުރުފަތުރާއި، ކަނޑު ދަތުރުފަތުރާއި، ރަށްރަށަށް ލަފާ ފުރުމުގެ މައްސަލަތަކުގެ ހައްލަކީވެސް މިއަދު އެމްޓީސީސީއެވެ.

އެމްޓީސީސީން ވަނީ ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައި ރާއްޖޭގެ އެތައްރަށެއްގެ ބަނދަރަކާއި، ނަރުދަމާގެ ނިޒާމާއި، ފެނުގެ ނިޒާމު ގާއިމްކޮށްދީފައެވެ. އެތައް ރަށެއް އެއްރަށުން އަނެއްރަށަށް ދަތުރުފަރުން ގުޅާލާފައެވެ. އެތައް ރަށެއްގެ ބިންހިއްކުމާއި، މަގު ހެދުމުގެ މަޝްރޫޢުތަކެއް ނިންމާލާފައެވެ. މިއަދު އެމްޓީސީސީން ވަނީ ބޮޑެތި އެއާރޕޯޓްތައްވެސް ރާއްޖޭގެ ތާރީހުގައިވެސް ނިންމާފައި ނުވާހާ އަވަހަށް ނިންމައި އެރެކޯޑުވެސް ގާއިމްކޮށްފައެވެ.

އެމްޓީސީސީގެ މިމަސައްކަތްތައް ކާމިޔާބު ކަމާއިއެކު ކުރެވިގެން ގޮސްފައިވަނީ އެކުންފުނީގެ ހީވާގި މުވައްޒިފުންގެ ސަބަބުންނެވެ. ކުންފުނީގެ މިހާރުވެ މެނޭޖިގ ޑިރެކްޓާ އާދަމް އާޒިމްވެސް ފާހަގަކުރައްވަނީ އެމްޓީސީސީގެ ކާމިޔާބީގެ ސިއްރަކީ ކުންފުނީގެ މުވައްޒިފުންކަމަށެވެ. ކޯވިޑާއިއެކު ދިމާވި ގޮންޖެހުންތަކާއިއެކުވެސް އެމްޓީސީސީން ފަސްއެބުރި ބަލައި ލުމެއްނެތެވެ. މަޝްރޫޢުތަކާއި ތަރައްޤީގައި ވަނީ މެކުހަށް ޖަހާފައެވެ. އެމްޓީސީސީގެ ތަފާސް ހިސާބުތައް ދާއްކާގޮތުން މިއަހަރުގެ މިހާތަނަށް އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި، 952 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި ފައިދާގެ ގޮތުގައި 140 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އެމްޓީސީސީ ތާރީހުގައިވެސް އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ފައިދާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެމްޓީސީސީގެ ކާމިޔާބު މަސައްކަތްތަކާއިމެދު 40 އަހަރު މިއަދު ފާހަގަކުރާއިރު، ކުންފުނީގެ އުންމީދުތައް ހުރީ ވަރަށް އުހުގައެވެ. ކުންފުނިން އަމާޒު ހުރީ ރާއްޖޭގެ ތަރައްޤީގެ ހުރިހާ ކަމެއްގައި އެންމެ ކުރިއަށް ނިކުތުމަށެވެ. އެގޮތުން ރާއްޖޭގައި އިންޓަރނޭޝަނަލް ޑޮކްޔާޑެއްގެ މުހިއްމުކަން ބޮޑުވެފައިވާ މިދަނޑިވަޅުގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި އިންޓަރނޭޝާނަލް ޑޮކްޔާޑެއް ގާއިމު ކުރުމަށް ކުންފުނިން ވަނީ އަމާޒުހިފާފައެވެ. އެމްޓީސީސީގެ ކޮންމެ މަަސައްކަތަކީ ރައްޔިތުންނާއި، ގާތުން ރައްޔިތުންނަށް ލުއިވާނެ ގޮތަކަށް ދެވޭ ޚިދުމަތަކަށް ވަނީ ވެފައެވެ.

އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި ކުންފުނީގެ ޚިދުމަތްތެރިންނާއި، ކުންފުނީގެ އެންމެ އާދައިގެ މުވައްޒިފުން ފެށިގެން އެމްޑީންގެ މަޤާމު ފުރުއްވި ބޭފުޅުންނަކީ މިއަދުގެ ކާމިޔާބީގެ ހިއްސާދާރުންނެވެ. އަދި މިއަދު ކުންފުނީގެ ދިވެހިންގެ ހިއްސާ ބޮޑުވެ، ދިވެހި މަސައްކަތްތެރީން އެކުންފުނީގައި ތިބުމަކީ ކުންފުނީގެ އެންމެބޮޑު އަމާޒެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.