ރަމަޟާން މަހުގެ ބައެއް ޚާއްޞިއްޔަތުތައް:
1. އެމައްސަރުގައި މާތް ﷲ ގުރްއާން ބާވާލައްވާފައިވާ ކަން. މާތް ﷲ ވަޙީ ކުރައްވައެވެ. (شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ) [البقرة:185]
2. އެމައްސަރުގައި ސުވަރުގޭގެ ދޮރުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދު ކުރެވި، ޝައިޠާނުންތައް ކަސްތޮޅު އެޅުވޭކަން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِذَا دَخَلَ رَمَضَانُ فُتِحَتْ أَبْوَابُ السَّمَاءِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ، وَسُلْسِلَتِ الشَّيَاطِيْنُ) މާނައަކީ: "ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުވެ، ޝައިޠާނުންތައް ކަސްތޮޅު އެޅުވިގެންދެއެވެ".
3. އެމައްސަރުގައި ހެޔޮކަންތަކަށް ލިބޭ ޖަޒާ އިތުރު ކުރައްވާކަން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَنْ فَطَّرَ صَائِماً فَلَهُ مِثْلُ أَجْرِهِ مِنْ غَيرِ أَنْ يُنْقَصَ مِنْ أَجْرِ الصَّائِمِ شَيْءٌ) މާނައަކީ: "ރޯދަވެރިޔާގެ ރޯދަވިއްލައިދީފި މީހަކަށް ރޯދަވެރިޔާގެ އަޖްރުން އުނިނުވެ ހަމައެފަދައިން އެމީހަކަށް (ރޯދަވިއްލުން ދިން މީހާ އަށް) ލިބޭނެއެވެ".
4. އެމައްސަރުގައި ލައިލަތުލް ގަދްރިވިލޭރޭ ލައްވާފައިވާކަން. ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (فِيْهِ لِيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حَرُمَ خَيْرَهَا فَقَدْ حُرِمَ) މާނައަކީ: "އެ މައްސަރުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމް ވެއްޖެ މީހާއަކީ މަޙްރޫމްވެގެންވާ މީހެކެވެ".
އަދިވެސް ޙަދީޘް ކުރެއްވިއެވެ. (مَنْ قَامَ لَيْلَةُ الْقَدْرِ إِيْمَاناً وَاحْتِسَاباً غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) މާނައަކީ: "އީމާންކަމާއި ދަރުމައާއި ޘަވާބަށް އެދި ލައިލަތުލް ގަދްރިވިލޭރޭ އަޅުކަންކޮށްފިމީހެއްގެ އިސްވެދިޔަ ހުރިހާ ފާފައެއް ފޮހެވިއްޖެއެވެ".
އަދިވެސް ޙަދީޘް ކުރެއްވިއެވެ. (مَنْ قَامَهَا إِبْتِغَاءَهَا، ثُمَّ وَقَعَتْ لَهُ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ) މާނައަކީ: "އެރޭގެ ހެޔޮކަން އެދި ރޭއަޅުކަންކޮށް، އެރެޔާއި ދިމާވެއްޖެމީހާ ގެ އިސްވެދިޔަފާފަތަކާއި ފަހުން ކުރެވޭނެ ހުރިހާ ފާފައެއް ފުއްސަވައިފިއެވެ".
5. މީގެ ކުރީގެ އުއްމަތްތަކުގެ މީހުންގެ ރޯދަ އާއި މި އުއްމަތުގެ މީހުންގެ އުއްމަތުގެ މީހުންގެ ރޯދައަކީ ހާރުކެއުމެވެ. ހާރުކެއުމަކީ ހަމައެކަނި މިއުއްމަތަށް ޚާއްޞަ ކަމެކެވެ. (فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَرِ) މާނައަކީ: "ތިމަންމެންގެ ރޯދަ އާއި އަހްލު ކިތާބީންގެ ރޯދަ އާއި ހުރި ތަފާތަކީ ހާރު ކެއުމެވެ".
އަދިވެސް ޙަދީޘް ކުރެއްވިއެވެ. (تَسَحَّرُوْا فَإِنَّ فِيْ السَّحُوْرِ بَرَكَةٌ) މާނައަކީ: "ތިޔަބައިމީހުން ހާރުކާހުށިކަމެވެ. ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއްވެއެވެ".
6. ރަމަޟާން މަހުގައި ބަދުރު ހަނގުރާމަ އާއި މައްކާ ފަތަޙާ ކުރެއްވުމުގެ ހިނގާފައިވާ ކަން.
7. ރަމަޟާންމަހުގައިވާ ޢުމްރާ އަކީ ޙައްޖަކާއި އެއްވަރުގެ އެއްޗެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (عُمْرَةٌ فِيْ رَمَضَانَ تَعْدِلُ حَجَّةً) މާނައަކީ: "ރަމަޟާންމަހުގެ ޢުމްރާ އަކީ ޙައްޖަކާއި އެއްވަރުގެ އެއްޗެކެވެ".
8. ފާފަ ފުއްސަވެމުގެ ސަބަބެއް ކަމުގައިވުން. (اَلصَّلَوَاتُ الْخَمْسُ، وَالْجُمُعَةُ إِلَى الْجُمُعَةِ، وَرَمَضَانٌ اِلَى رَمَضَانَ مُكَفِّرَاتٌ لِمَا بَيْنَهُنَّ إِذَا اجْتُنِبَتِ الْكَبَائِرَ) މާނައަކީ: "ފަސްނަމާދު އެއް ނަމާދުން އަނެއް ނަމާދާއި ދެމެދު، އެއް ހުކުރާއި އަނެއް ހުކުރާއި ދެމެދު، ރަމަޟާންމަހާއި އަނެއް ރަމަޟާންމަހާއި ދެމެދު، ބޮޑެތިފާފަތަކުން ދުރުހެލިވެއްޖެނަމަ، ހުރިހާ ފާފަތަކެއް ފޮހިދެއެވެ".
9. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޟާން މަހުގައި އިތުރަށް ދީލަތިވެވަޑައިގަންނަވާކަން. (كَانَ النَّبِيُّ أَجْوَدَ النَّاسِ، وَكَانَ أَجْوَدَ مَا يَكُوْنُ فِيْ رَمَضَانَ) މާނައަކީ: "މީސްތަކުންގެ ތެރޭގައިވާ އެންމެ ދީލަތި ބޭކަލަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އެކަލޭގެފާނުގެ ދީލަތިކަން ރަމަޟާންމަހު އިތުރުވެގެންދެއެވެ".
(ނުނިމޭ)
ރިޕޯޓްގެ ފަހުބައި މާދަމާ ޝާއިޢުކުރާނެ ވާހަކަ ދަންނަވެމެވެ.
އެޑިޓަރުގެ ނޯޓް: ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފަކީ ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.