ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވެއްޓިފައިވާ އަދަވަޅުން އަރައިގަތުމަށް މިސަރުކާރުން ކުރަންޖެހޭ މާބޮޑު ކަމެއް ނޯންނާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަނެ އިޤްތިޞާދު ރަނގަޅުވަމުންދާ ދިއުމަށް އިޝާރާތް ކުރައްވަމުން ހުސެން ވިދާޅުވީ ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރިއަށްދާނީ ޒިންމާދާރު ރައްޔިތަކު ތިބެގެންކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައާއި، އަދި އެނޫން ވެރިކަން ތަކުގައިވެސް އެމްޑީޕީއަކީ ރާއްޖޭގެ އިޤްތިޞާދު ހަލާކޮށް، ނެތިކޮށްލުމަށް މަސައްކަތް ކުރަމުންދިޔަ ބައެއްކަމަށެވެ. ކޯވިޑް-19 އާއިއެކު ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެ، މިއަދު ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހިފައިވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުމުންކަމަށް ހުސެން ވިދާޅުވިއެވެ.
މިއަދު ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އޮތްއިރު، ޕީޕީއެމްއިން ދިވެހި ރައްޔިތުންނަށާއި، ޤައުމަށް ގެއްލުންހުރި އެއްވެސް ކަމަކަށް ވަކާލާތުކޮށް، އަޑު ނޫފުލާނެކަމަށް ހުސެން ވިދާޅުވިއެވެ. އެސަބަބަށްޓަކައި ދިވެހި ރައްޔިތުންގެ ތާއީދާއި މަޤުބޫލުކަން ޕީޕީއެމްއަށް އިތުރުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްއަކީ ރާއްޖޭގެ ކުރިއެރުމަށް ސަޕޯޓްދޭ ޕާޓީއެއް. އެކަމުގެ ސަނަދު އޮތް ޕާޓީއެއް. ފިކުރަކީ ތަރައްޤީގެ ފިކުރު. އިޤްތިޞާދު ހުއްޓުވުމަށް ނުގޮވާނެ. ޓުވަރިސްޓުން އައުން އިތުރުކުރަން މި ސަރުކާރުން ކުރަންޖެހޭނެ މާބޮޑުކަމެއް ނޯންނާނެ.
– ހުސެއިން ވިދާޅުވިއެވެ.
ހުސެން ވިދާޅުވީ ރާއްޖޭގެ އިޤްތިާޞާދީ ހާލަތު ރަނގަޅުވެގެންދާއިރުވެސް ސަރުކާރުގެ އަމާޒު ހުރީ އަދިވެސް ދިވެހި ރައްޔިތުންނާއި، ދިވެހި ޒުވާނުން އަތުލުން ލާރި ހޯދައިގެން ގައުމު ހިންގުމަށްކަމަށެވެ. ސައިލަކު ތަކުންނާއި، ކާރުތައް ޓޯކޮށްގެންނާއި، މަތިމައްޗަށް ސްޓިކާ ޖަހައިގެން ވެރިކަން ހިންގުމަށް ދިމާކޮށްފައިވާކަމީ މިއަދުވެސް ރައްޔިތުންނަށް ފެންނަމުންދާ ލަތުވެތި މަންޒަރެއްކަމަށް ހުސެން ވިދާޅުވިއެވެ.
ޓުވަރިޒަމް އިންތިހާއަށް ރަނގަޅުވަމުން އަންނައިރު، އަދިވެސް ޤައުމުގެ ހިންގުން ފޫގަޅާފައިވަނީ ޒުވާނުން ދުއްވާ ސައިކަލުތަކުގައި ސްޓިކާ ޖެހުމާއި ސައިކަލު އަދި ކާރު ޓޯ ކޮށްގެން ލިބޭ ފައިސާއިން.2018 ގައި ރިޔާސީ ވައުދުފުއްދުމުގައި މިވަރެއް ހަމަނެތީތާ.
– ހުސެއިން ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ތެރޭގައި އެކިއެކި ޖޫރިމަނާގެ ގޮތުގައި 1 ޖެނުއަރީ އިން 10 ޑިސެމްބަރުގެ ނިޔަލަށް ސަރުކާރަށް 135.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ވަނީ ދައްކާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ފުލުހުން މާލެ ތެރޭގައި ކުރާ ޖޫރިމަނާތައް ހުއްޓާލުމަށް ސަރުކާރަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުންވެސް ވަނީ މަޖިލީހުގައި ގޮވާލާފައެވެ. ނަމަވެސް ފުލުހުން މިކަން ކުރަމުންދަނީ އާމްދަނީ ލިބޭނެ ގޮތްތައް ހުސްވެ، ރައްޔިތުންގެޖީބު ހުސްކުރުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ