ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ޑައުންލޯޑްކޮށްގެން ގެންގުޅޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ސޮފްވަތު ރައޫފް ވިދާޅުވީ ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ ވީޑިއޯ ސޯޝަލް މީޑީއާގެ އެކި ވަސީލަތްތަކުން ޑައުންލޯޑު ކުރާ ފަރާތްތަކުގެ މައުލޫމާތު އެފަދަ ކަންކަން މޮނިޓާކޮށް ބަލަހައްޓާ ބޭރުގެ ލޯ އެންފޯސްމެންޓު އޭޖެންސީތަކުގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާ ކުރުމާ ގުޅިގެން އެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.
ސޮފްވަތު ވިދާޅުވީ އެފަދަ އެއް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ދައުވާ ކުރަން ފޮނުވީ 32 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްސަލައެވެ.
"އަޅުގަނޑުމެންނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، ދެ އަހަރުގެ އުމުރުގެ ކުދިން ކަމަށް ބެލެވޭ އުމުރުގެ ކުދިންނާއި 18 އަހަރާ ދެމެދުގެ އެކި އުމުރުފުރައިގެ ކުދިންގެ ފޮޓޯ، ވީޑިއޯ އޭގެ ތެރޭގައި ހިމެނޭ،" ސޮފްވަތު ވިދާޅުވިއެވެ.
ބަރަހަނާ މަންޒަރުތަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރުން ފަދަ މައްސަލަތައް ފެންމަތިވާތީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންގެ ގާބިލްކަން އިތުރު ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި ސޮފްވަތު ވިދާޅުވިއެވެ.
"އެ ގާބިލުކަން އިތުރު ކުރުމަށްޓަކައި އަޅުގަނޑުމެން މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ މިދާއިރާގެ ފުލުހުން ތަމްރީނު ކުރުމުގެ މަސައްކަތްތަކެއް ވެސް މިއަހަރުގެ ތެރޭގައި ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދެވިފައި ވަނީ،" ސޮފްވަތު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ