އޮންލައިންކޮށް ރީ ރެޖިސްޓަރ ކުރި މީހުންގެ އަދަދު 11،000 އަށްވުރެ ގިނަ

އޮންލައިންކޮށް ރީ ރެޖިސްޓަރ ކުރި މީހުންގެ އަދަދު 11،000 އަށްވުރެ ގިނަ

Author
ހުސެއިން
17 މާރޗް 2024 11:55
0

އަންނަ މަހު 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީސް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރީރަޖިސްޓާކުރަން ހުޅުވައިލި މުއްދަތުގައި އީފާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ޖުމުލަ 11،169 މީހުން ރީރެޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީން ބުނެފިއެވެ.

ރީ ރެޖިސްޓްރީ ވުމަށް ހުޅުވާލި 6 ދުވަހުގެ މުއްދަތު، އިއްޔެގެ މެންދުރު ފަހު 3:00 އަށް ވަނީ ހަމަވެފައެވެ.

އީސީން ބުނެފައިވަނީ، ރީ ރަޖިސްޓަރ ވުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ބަލައިގަނެފައިވަނީ 10،028 ކަމުގައެވެ. އެކި ސަބަބުތަކާހުރެ 1،141 ފޯމު ބަލައިގަނެފައިނުވާކަމަށް އީސީއިން ބުނެފައިވެއެވެ.

ވޯޓުލާފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާނަމަ އީސީ މެދުވެރިކޮށް ރީ-ރެޖިސްޓްރީ ވާންޖެހޭނީ ރިޔާސީ އިންތިހާބުގައި ވޯޓުލާތަން ބަދަލުވާ ނަމައެވެ. އޭގެ ތެރޭގައި ބޭރުގެ ގައުމަކަށްވީނަމަވެސް، އަދި ރިސޯޓަކަށްވީނަމަވެސް ރީ-ރަޖިސްޓްރީ ވާންޖެހޭކަމަށް ގަވާއިދުގައިވެއެވެ.

މިމަހު 17 ވަނަ ދުވަހު ބާއްވަން ކުރިން ހަމަޖެހިފައި އޮތް މަޖިލިސް އިންތިހާބު އަންނަމަހުގެ 21 ވަނަ ދުވަހަށް ފަސްކުރިއިރު، އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ވޯޓް ފޮށި ބެހެއްޓުމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމާއި ގުޅިގެން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަން ކޮމިޝަނުން އަލުން ހުޅުވާލުމުން ބޭރުގައި ބަހައްޓާ ފޮށީގެ އަދަދު ވަނީ އިތުރުވެފައެެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ފޮށި ބަހައްޓާނެ ގައުމުތައް ކަނޑައެޅީ ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީރަޖިސްޓްރީވި މީހުންގެ ނިސްބަތަށް ބެލުމަށްފަހުކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި ވޯޓްލުމަށް ފޮށި ބަހައްޓާނީ އިންޑިއާގެ ޓްރިވެންޑްރަމްއާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަލަމްޕޫރުގައިކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޭރު ޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީ ކުރުމުންކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަނާއި ޔޫއޭއީގެ އަބޫ ދާބީގެ އިތުރުން ތައިލެންޑުގައި ވޯޓުލުމަށް ބައެއް މީހުން ރީ-ރަޖިސްޓްރީވިނަމަވެސް ވޯޓު ފޮށި ބެހެއްޓޭ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ރިސޯޓްތަކުގައި ބަހައްޓާ ފޮށިތަކަށް އަލިއަޅުއްވާލައްވަމުން ޒަކަރިއްޔާ ވިދާޅުވީ ރިސޯޓްތަކުގައި ވޮޓު ފޮށި ބަހައްޓަނީ އެ ރިސޯޓެއްގައި ވޯޓްލުމަށް މަދުވެގެން 30 މީހުން ރީ- ރަޖިސްޓްރީވުމުންނެވެ. އެގޮތުން މިފަހަރުގެ މަޖިލިސް އިންތިހާބުގައި 34 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެކަމަށާއި މިއީ އިންތިހާބު ފަސްކުރުމުގެ ކުރިން ފޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓްތަކުގެ އަދަދާއި އަޅާބަލާއިރު 7 ރިސޯޓްގެ އިތުރުވުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 21 ވަނަ ދުވަހުއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 600 އެއްހާ ފޮށި އެކި ސަރައްހަދުތަކުގައި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ކޮންމެ ފޮއްޓަކަށް ވޯޓްލާނީ ގިނަވެގެން 600 އެއްހާ މީހުންކަމަށްވެސް އިލެކްޝަން ކޮމިޝަނުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. މި އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ބޭފުޅުން ހިމެނޭގޮތަށް ޖުމްލަ 371 ކެންޑިޑޭޓުން ވާދަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.