ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445″ ގައި އެޗްވައިއެމް ވެޓަރަންސް އަދި ބުލް ޝާކްސް ރޭ ކުޅުނު މެޗުން މޮޅުވެއްޖެއެވެ.
ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ވެޓަރަންސް މޮޅުވީ 6-5 އިން ޓްރީ ޓޮޕް ހޮސްޕިޓަލް ބަލިކޮށްގެންނެވެ.
ވެޓަރަންސްގެ ލަނޑުތަކުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަބްދުﷲ ޝުޖާއު (ޝުޖާ) އެވެ. އަދި އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ނިޔާޒް (އައްކޮ) އާއި އިބްރާހިމް ރަމީޒް (ރަމީ)އެވެ. މި މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ޝުޖާއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފަސް ލަނޑުގެ ތެރެއިން އަބްދުﷲ ވިޝާމާއި އިބްރާހިމް ހައިޝަމް ވަނީ ދެ ލަނޑު ޖަހައިފައެވެ. އަދި ޓްރީ ޓޮޕްގެ ނައުފަލް އަލީ ވެސް ވަނީ ލަނޑެއް ޖަހައިފައެވެ.
ބުލް ޝާކްސް އިން ވަނީ 6-1 އިން ހުޅުމާލެ ހޮސްޕިޓަލް ބަލިކޮށްފައެވެ. މި މެޗުގައި ބުލް ޝާކްސްގެ ހަ ލަނޑުގެ ތެރެއިން އިސްމާއިލް ރިޔާޒް (ރިޔާ) އާއި ނަޒާހް ވަނީ ދެ ލަނޑު ޖަހައިފައެވެ. އަދި ނަސްރުﷲ އަލީ (ނަސްރީ) އާއި ހުސެއިން ސިލްމީޒް (ސިއްލެ) ވަނީ ލަނޑެއް ޖަހައިފައެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ހަމައެކަނި ލަނޑު ޖެހީ މޫސާ ކަލީމް ގާސިމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނަޒާހެވެ.
އެޗްވައިއެމް ފުޓްސަލް ޗެލެންޖްގައި މިރޭ ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި 22:15 ގައި ބައްދަލު ކުރާނީ ހުޅުމާލެ ހޮސްޕިޓަލާއި ބްލެކް ފްލޭޝްއެވެ. ދެވަނަ މެޗުގައި މިރޭ 23:15 ގައި ބައްދަލު ކުރާނީ ޓީމް އެފްއެފް އަދި ޓްރީ ޓޮޕް ހޮސްޕިޓަލެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޓްރީޓޮޕް ހޮސްޕިޓަލް, އެޗްވައިއެމް ޓީމް ވުލްފް، ޓީމް އެފްއެފް, އެޗްވައިއެމް ވެޓަރެންސްއެވެ. ގްރޫޕް ބީގައި ހިމެނެނީ ހުޅުމާލެ ހޮސްޕިޓަލް, އެޗްވައިއެމް ފެނޮމިނަލްސް, އެޗްވައިއެމް ބްލެކް ފްލޭޝް އަދި އެޗްވައިއެމް ބުލް ޝާކްއެވެ.
އެޗްވައިއެމް ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ތިލަދުން"އެވެ.