26 ރަށެއްގެ ދަނޑުވެރިންނަށް އަމާޒުކޮށް 15 މިލިއަން ރުފިޔާގެ ގްރާންޓް ސްކީމެއް ފަށަނީ

26 ރަށެއްގެ ދަނޑުވެރިންނަށް އަމާޒުކޮށް 15 މިލިއަން ރުފިޔާގެ ގްރާންޓް ސްކީމެއް ފަށަނީ

Author
އަހުމަދު
12 މާރޗް 2024 07:35
0

ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގެ 26 ރަށެއްގެ ދަނޑުވެރިްނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ހާއްސަކޮށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގްރާންޓް ސްކީމެއް ފެށުމަށް އެގްރިކަލްޗާ މިނިސްޓްރީ އާއި އެސްޑީއެފްސީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގަމުން ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 15،188،700ރ. ގެ މެޗިން ގްރާންޓެއް ކުރިއަށް ގެންދާނެ ކަމަށެވެ.

ގްރީން ހައުސްތަކުގައި ހައިޑްރޮޕޯނިކްސް ސިސްޓަމް ގާއިމްކޮށްގެން ދަނޑުވެރިކަންކުރަން ބޭނުންވާ ދަނޑުވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މިގްރާންޓްއަށް އެދި ހުށަހެޅުމަށް ފަހުގެ ތާރީހެއްގައި އިއުލާން ކުރެވިގެންދާނެއެވެ.

މެޕްއަކީ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިގޮތުން 26 ރަށުގައި އެރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގްރޫޕެއް ހަދައި އެފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މަޢުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވެމުންގެންދެވެއެވެ.

ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ އަދި މެލަން ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ. މީގެ ބޭނުމަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަޙުލުވެރިކުރުވުމެވެ. އަދި މި ޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.