ފްލައިން ސްކޫލުގެ މައްސަލަ ހައްލުނުކޮށްދެވޭ ވަޒީރުން އިސްތިއުފާ ދެެއްވާ!

ފްލައިން ސްކޫލުގެ މައްސަލަ ހައްލުނުކޮށްދެވޭ ވަޒީރުން އިސްތިއުފާ ދެެއްވާ!

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2020 09:27
0

އައްޑޫސިޓީ ހިތަދޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން ހިންގަމުން އަންނަ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ނުކޮށްދެވޭނަމަ، ޒިންމާ އުފުލަން ތިއްބެވި މަޤާމުތަކުގައި ތިއްބެވި ވަޒީރުން އިސްތިއުފާ ދެއްވުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައްވައިފިއެވެ.

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދިމާވާ މައްސަލަތައް ހައްލު ނުވެ، ތަނުގެ ހާލަތު ގޯހުން ގޯހަށްދާއިރުވެސް މިކަމުގައި ކަމައި ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ ފިޔަވަޅެއް ނާޅާ މައްސަލާގައި ނިހާދު ވިދާޅުވީ މިމައްސަލަ އަށް ހައްލެއް ނުލިބިދާ ކޮންމެ ދުވަހަކީ ކަމާއިބެހޭ ވަޒީރުން ފެއިލްވަމުންދާ ދުވަހެއް ކަމަށެވެ. އަދި މިމައްސަލަ ހައްލުނުވެ، އިންސާފުން ބޭރުން އަމަލު ކުރަމުންދާ ދަރިވަރުންނަށް ހައްލު ނުލިބޭނެނަމަ މަސްއޫލުވެރި މަޤާމުތަކުގައި ތިއްބެވުމުގެ ބަދަލުގައި އިސްތިއުފާ ދެއްވުންވެސް މާ ރަނގަޅުވާނެކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނިކޮށް މިރޭ ވަނީ އައްޑޫ ހައި ފްލައިން ސްކޫލުގެ މައްސަލާގައި ކަމާއި ގުޅުންހުރި ދެ އިރާކަމުގައިވާ ޓްރާންސްޕޯޓް މިނިސްޓްރީއާއި، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ވަނީ ބިދޭސީ ދަރިވަރުންނަށް އެޑްމިޝަން ދިނުން މަނާކޮށް، އައްޑޫ ފްލައިން ސްކޫލުން ވަކި ކުރަން އަންގާފައިވާ ދަރިވަރުންގެ ނޯޓިސްތައް ބާޠިލުކުރުމަށް އަންގާފައެވެ.

އަދި އެ ސްކޫލުން އެގޮތަށް ޢަމަލު ނުކުރާނަމަ އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓު ކުރުމަށާއި، މިގޮތަށް ހުށަހަޅާ ހުރިހާ ރިޕޯޓެއް ބަލާނެކަމުގެ ޔަޤީންކަންވެސް އެ މިނިސްޓްރީން ވަނީ ދެއްވާފައެވެ. އަދި ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ތަންދޭ ކަމެއް ނޫންކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ކަމާބެހޭ ޤަވާޢިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމަށް ވެސް އެ ސްކޫލަށް އަންގާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ފްލައިންގ ސްކޫލަށް ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް އަންގަވާފައިވާިއރު ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެންގުންތަކާ އެއްގޮތަށް ސްކޫލުގެ ފަރާތުން ޢަމަލު ކުރޭތޯ ކޮންމެ ދުވަހަކުވެސް ބެލުމަށް، އެ އޮތޯރިޓީގެ އިންސްޕެކްޓަރަކު ސްކޫލުގައި މަޑުކުރާ ގޮތަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން، ޑެއިލީ ސްޓޭޓަސް އަޕްޑޭޓް ދުވަހުން ދުވަހަށް އޮތޯރިޓީއަށް އަންގަމުން ގެންދެވޭނެކަމަށާއި، ދަރިވަރުންގެ މައްސަލަތައް ޙައްލުކުރަމުން ގެންދެވޭނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.