ފައިސާ ޗާޕް ކުރުން ހުއްޓާލައި އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ރަނގަޅު އަސަރު ފެންނަމުންދާ ކަމަށާއި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ތިރިވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ދ. މީދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުގައި ބޭރުގެ ދަރަނީގެ ގޮތުގައި 120 ބިލިއަން ރުފިޔާ އަދި އެތެރޭގެ ދަރަނީގެ ގޮތުގައި ނުވަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ދަރަނިތައް ދެއްކުމާ އެކީގައި އިގްތިސާދު ހަރުދަނާކޮށް، މަޝްރޫއުތައް ވެސް ހިންގުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ދިވެހި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާތައް ދީ، ބޭރުގެ ދަރަނި ދައްކަމުން ދަނީ ފައިސާ ޗާޕް ނުކޮށެވެ. ފައިސާ ޗާޕްކޮށްގެން މި ހުރިހާ ފައިސާއެއް ދެއްކިދާނެ ކަމަށާއި ސަރުކާރުން އެކަން އެގޮތަށް ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.
"އެކަން ހުއްޓާ ނުލި ނަމަ، އަޅުގަނޑުމެންގެ ގައުމު ބަނގުރޫޓުވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގަ ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެންދާނެ 20 ރުފިޔާއަށް ވުރެ ވެސް މައްޗަށް. އިގުތިސާދު އެއްކޮށް ހަލާކުވީސް ފައިސާ ޗާޕް ކުރި ނަމަ." ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެ ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން. ވަރަށް ފަސޭހަވީސް ހަމަ ފައިސާ ޗާޕްކޮށްލި ނަމަ. އެ 9 ބިލިއަން ރުފިޔާއަށް ވާވަރަށް ފައިސާ ޗާޕްކޮށްލި ނަމަ އެކަން ހަމަޖެހުނީ ނޫންތޯ؟ އެކަމަކު އެކަން ވެސް ނުކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި،"
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ދަރަނިތައް ދައްކަންވެގެން ހެދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 2018 އާ ހަމައަށް ހުންނާނީ ޑޮލަރު ކަމަށެވެ. އެކަމަކު، 2023 ވަނަ އަހަރު ނިމުނު އިރު އޭގައި ޑޮލަރު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސް ވަނީ ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ފަންޑަށް 30 މިލިއަން ރުފިޔާ ޖަމާ ކުރި ކަމަށާއި އަހަރު ނިމޭ އިރު، 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ފަންޑުގައި ހުންނާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަވަހަށް ނިންމުމަށް މަސައްކަތް ކުރަނީ ވެސް އިގްތިސާދު ވަރުގަދަ ކުރަން ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ދެން އިތުރަށް ފުޅާކުރެވޭނީ ވެލާނާ އެއާޕޯޓް އަވަހަށް ނިންމައި ހުޅުވާލެވުނުހާ އަވަހަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރު ރިސޯޓުތައް ހެދުމުގެ ފުރުސަތު ދީ ހަދަން ފަށާފައި ނުނިމި ހުރި ރިސޯޓުތައް ނިންމަން އެކި ކަހަލަ ފުރުސަތު ދިނުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.