ކުޑަހުވަދޫ ވާނީ ރާއްޖޭގައި ގާއިމުކުރާ އެއް އާބަން ސެންޓަރަށް: ރައީސް

ކުޑަހުވަދޫ ވާނީ ރާއްޖޭގައި ގާއިމުކުރާ އެއް އާބަން ސެންޓަރަށް: ރައީސް

ދ. ކުޑަހުވަދޫއަކީ ރާއްޖޭގައި ގާއިމުކުރާ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަށް ވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުޑަހުވަދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅާއި ދެކުނުގެ ހަތަރު އަތޮޅު އިންޓަގްރޭޓް ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި ބާކީ އޮތް ހަތް ސަރަހައްދުގައި އާބަން ސެންޓަރު ތަރައްގީ ކުރުމަށް ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ތަންތަން ވެގެން ދާނީ އެންމެ މަތީ ފެންވަރުގެ ހުރިހާ ހިދުމަތެއް ގާއިމުވާ ތަންތަނަށް. އެ ތަންތަނަށް އެހެން ރަށްތަކުގެ ރައްޔިތުން އަމިއްލަ އިހްތިޔާރުގައި، ކުރިއަށް އޮތް ދުވަސްތަކުގައި މެދުރާސްތާ އަދި ދިގުރާސްތާގައި ހިޖުރަކޮށް ސެޓަލްވެ، ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތަކާއި ސިއްހީ ހިދުމަތްތަކާއި ތައުލީމީ ފުރުސަތުތަކާއި މިހެން ހުރި ހުރިހާ ކަމެއް އެންމެ ރަނގަޅު ފެންވަރުގައި ލިބޭ ތަންތަނަށް ހަދަން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ މި ދެންނެވި ހަތް އާބަން ސެންޓަރުގެ ތެރެއިން ކުޑަހުވަދޫއަކީ އެއް ތަން ކަން އަޅުގަނޑު ދަންނަވާލަން،"

ރައީސް ވިދާޅުވީ ކުޑަހުވަދޫއަކީވެސް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްވެސް ފުރިހަމަވެގެންދާނެ ކަމަށެވެ.

އެގޮތުން ބަނދަރުވެސް ބޮޑުކޮށް ރަނގަޅުފެންވަރެއްގައި ތަރައްގީކުރުމާއި ކޮމާޝަލް ހާބަރެއް ތަރައްގީކުރުމާއި ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރުކޮށް ފެންވަރު މަތިކުރުމާއި ހޮސްޕިޓަލުގެ އާއިމާރާތެއް އެޅުމާއި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމާއި އަދި އެނޫންވެސް އާބަންސެންޓަރެއްގައި ހުންނަންޖެހޭ ހުރިހާކަމެއް ގާއިމުކުރެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *