ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
އެ ހޮސްޕިޓަލުން ބުނީ ސީޓީ ސްކޭން ހެއްދުމަށް ފުރަތަމަ އެޕޮއިންޓްމެންޓް ހެއްދި ބަލިމީހާގެ ސްކޭން މިއަދު ކޮށްފައި ވާކަމަށެވެ. އަދި މިއަދުން ފެށިގެން އެ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ޚިދުމަތް ދެމުންގެންދާނެ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ. އެ ހޮސްޕިޓަލުން އެންމެ ފުރަތަމަ ހަދާފައި ވަނީ މީހެއްގެ ސިކުނޑީގެ ސްކޭނެކެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މި މަހުގެ ތިން ވަނަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޚިދުމަތަކީ އެ ސަރަޙައްދުގައިވެސް މުޅިން އަލަށް ފެށި ޚިދުމަތެކެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުން މިޚިދުމަތް ދޭނީ ތަމްރީންވެފައިތިބި އެ ހޮސްޕިޓަލުގައި މިހާރުވެސް މަސައްކަތްކުރާ މުވައްޒަފުންކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
ކޯވިޑް-19ގެ ސަބަބުން މާލެއައުމަށް ދަތިތައް ކުރިމަތިވުމުން ސިއްހީ ހިދުމަތް ހޯދުމަށް އަތޮޅުތެރޭގެ ބޮޑެތި ހޮސްޕިޓަލް ތަކަށް ދާމީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. އެގޮތުން ހިދުމަތް ހޯދާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވި އެއް ހޮސްޕިޓަލަކީ ގަމު ރީޖަނަލް ހޮސްޕިޓަލެވެ. މާލެ އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ރަށްތަކުން ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓްތައް ހެދުމަށް އެ ހޮސްޕިޓަލަށް މީހުން ދާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ކުރިން އެވްރެޖްކޮށް ދުވާލަކު 100 މީހުން ޑޮކްޓަރަށް ދައްކާންދާ އެ ހޮސްޕިޓަލުން ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 300 އާއި 400 އާ ދެމެދުގެ މީހުނަށް ހިދުމަތް ދޭންޖެހޭކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑް ފެސިލިޓީއެއްވެސް އަންނަނީ ހިންގަމުންނެވެ.