ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފައްދަން ހުށަހަޅަންޖެހޭ 3000 ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މިއަދު ޕީއެމްއެފް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވަނީ، ޕާޓީ ރަޖިސްޓްރީ ކުރުމަށް ދިން މުއްދަތު ހަމަވާން ދެ ދުވަހަށް ވެފައި ވަނިކޮށެވެ.
ސިޔާސީ ޕާޓިތަކާބެހޭ ގާނޫނުގައިވާގޮތުން، ސިޔާސީ ޕާޓީ އުފައްދަން ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރަން ލިބެނީ ތިން މަސް ދުވަހެވެ. އެ މުއްދަތު ހަމަވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހަށެވެ.
އިލެކްޝަންސްއިން ބުނެފައިވަނި ޔާމިންގެ އާ ޕާޓީ އުފެއްދުމަށް ހުށަހެޅި ފޯމުތައް މިހާރު ޕްރޮސެސް ކުރަމުންދާ ކަމުގައެވެ.
ޔާމިން އާ ސިޔާސީ ޕާޓީއެއް އުފައްދާއިރު، އެމަނިކުފާނު ޖަލުހުކުމެއްގައި ހުންނެވުމުން ޕާޓީގެ ލީޑަރުގެ މަގާމުގައު ނުއެއް ހުންނެވޭނެއެވެ. އެހެންކަމުން ޕާޓީ އުފެއްދުމަށް ހުށަހަޅާފައިވަނީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ ނަމުގައެވެ.
ރައީސް ޔާމިން ޕީއެންއެފްއަށް ސޮއި ކުރައްވާފައި ވަނީ އެޕާޓީން ފާއިތުވި ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހު ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. ރައީސް ޔާމިން އެ ޕާޓީއަށް ސޮއި ކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލްއެވެ.
ޕީޕިއެމްއިން ވަކިވެވަޑައިގަތުމަށްފަހު ޔާމިން ވިދާޅުވެފައިވަނީ، އެޕާޓީ ދޫކޮށްލެއްވީ ލީޑާޝިޕް އެމަނިކުފާނާ ދުރަށް ވަޑައިގަތުމުންކަމަށެވެ. ނަމަވެސް ޕީޕީއެމް ލީޑާޝިޕު ބޭފުޅުން ވިދާޅުވީ ރައީސް ޔާމީން އެބޭފުޅުންނާއި ދުރަށް ވަޑައިގަތީކަމަށެވެ. އަދި ރައީސް ޔާމީންގެ އެ ނިންމެވުންތަކުގެ އިސް ފަރާތަކީ ޑރ. ޖަމީލް ކަމަށެވެ.
ކޮމެންޓު ފޮނުވާ