މަސްވެރިންނަށް 561 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިންނަށް 561 މިލިއަން ރުފިޔާ ދޫކޮށްފި

މިސަރުކާރުން މިހާތަނަށް މަސައްވެރިންނަށް 561 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މަސްވެރިންނަށް ދޭންޖެހިފައިވާ ފައިސާ މިހާރު ސަރުކާރުން ދޫކުރަމުން ދާއިރު، ފާއިތުވި 6 ދުވަހުގެ ތެރޭގައި ވަނީ މަސްވެރިންންށް 105 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހި ނުދެވިވާ ފައިސާ ދެއްކުމަށް ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވާކަމުގައެވެ.

އެގޮތުން އިއްޔެ މިފްކޯއިން ޖަމާކުރި 35 މިލިއަން ރުފިޔާއާއެކު ސަރުކާރުން މަސްވެރިންނަށް ވައުދުވެފައިވާ ގޮތުގެ މަތިން މިދިޔަ ބުދަ ދުވަހާއި އިއްޔެ ހިމެނޭހެން ޖުމްލަ 105 މިލިއަން ޖަމާކޮށްދީފައިވާނެކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.

އަދި ބެކްލޮގްގައި ހުރި ފައިސާ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އިއްޔެ ދޫކުރި ފައިސާއާއެކު މަސްވެރިންނަށް ފާއިތުވި ނޮވެމްބަރު 17ވަނަ ދުވަހުން ފެށިގެން ޖުމްލަ 561 މިލިއަން ރުފިޔާ (ތެލަށާއި އައިހަށް ދެވިފައިވާ ފައިސާ ހިމަނައިގެން) ދޫކުރެވިފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މިފްކޯއަށް ކިރާ މަހަށް ފައިސާ ނުލިބޭ މައްސަލާގައި ގއ. ކޫއްޑޫގެ މަސްވެރިންތަކެއް ވަނީ ތިން ދުވަސް ވަންދެން މުޒާހަރާކޮށްފައެވެ. މަސައްކަތް ހުއްޓާލައި ކުރި މުޒާހާރާ ނިންމާލީ 100 މިލިއަން ރުފިޔާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކުރަން ފެށުމުންނެވެ.

އޭގެތެރެއިން ނުދީ ބާކީވާ ބިލުތަކަށް ފައިސާ ދައްކާ ނިންމަން މިނިސްޓްރީންނާއި މިފްކޯއިން ދިން މުއްދަތަކީ މިމަހުގެ 26ގެ ނިޔަލަށެވެ. ބާކީ ނުދެވި ހުރި 180 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސް ވަަނަ ދުވަހުގެ ކުރިން ދައްކާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *