މޯލްޑިވްސް އިންޓްގްރޭޓެޑް ޓުއަރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ރެއިންބޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް 918،000ރ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ހުކުމަކީ ރެއިމްބޯއިން އެއްއައިޓީޑީސީއަށް، ލ.ބަރެސްދޫ އިންވެސްޓްމަންޓް ޕްރޮޖެކްޓުގެ ނަމުގައި ބީޗް ހޮޓާ ތަރައްޤީކޮށް ހިންގުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ރެއިންބޯއިން ހުށަހެޅި ބީލަން އެ ކުންފުނިން ގަބޫލުކުރުމުން ދެއްކި އެޑްވާސްފައިސާއާއި ގުޅޭ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމެކެވެ.
އެމްއައިޓީޑީސީގެ މައްޗަށް ރެއިންބޯއިން ކުރި ދައުވާގައި އެކުންފުނުން އެދުނީ ޖުމްލަ 1،187،766.08ރ އެމްއައިޓީޑީސީއިން ނަގައި ދިނުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ބަރެސްދޫގައި ރެއިންބޯއިން ހަދަން އެއްބަސްވި ބީޗްބާއަށް އެޑްވާންސްގެ ގޮތުގައި އެ ކުންފުނިން ދައްކާފައިވާ 404،775ރ. އާއި ގެސްޓު ހައުސްއަކަށް އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ 513،999.95ރ. އާއި، އެ ފައިސާ އެމްއައިޓީޑީސީއަށް ނުދެއްކިނަމަ ބީއެމްއެލްއިން ޑިޕޮސިޓް އިންޓެރެސްޓުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި 240،991.13ރ. އާއ ބިޑް ޑޮކިއުމަންޓް ސަބްމިޝަންގެ ގޮތުގައި ދައްކާފައިވާ 3،000ރ. އާއި ގާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ދެއްކި 25،000ރ. އެވެ.
އެހެންނަމަވެސް މިފައިސާއަކީ އެކުންފުނިން ދައްކަންޖެހޭ ފައިސާކަމަށް އެމްއައިޓީޑީސީން ސިވިލް ކޯޓުގައި އިއުތިރާފް ވެފައެއް ނުވެއެވެ.
އެހެންނަމަވެސް ދެފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު ގާޒީ ރިޒްމީނާ އިދުރީސް ނިންމެވީ، ރެއިމްބޯއިން ހޯދުމަށް އެދުނު ފައިސާގެ ތެރެއިން ބޭންކު އިންޓަރެސްޓުގެ ގޮތުގައި ނެގުމަށް އެދުނު ފައިސާގެ އިތުރުން ބިޑް ސަބްމިޗޝަންގެ ގޮތުގައި ނެގުމަށް އެދުނު ފައިސާއަކީ ނަގައިދޭންޖެހޭ ފައިސާ ނޫންކަމުގައެވެ. އެހެންނަމަވެސް ބަރެސްދޫގައި ރެއިންބޯއިން ހަދަން އެއްބަސްވި ބީޗްބާއަށް އެޑްވާންސްގެ ގޮތުގައި އެ ކުންފުނިން ދައްކާފައިވާ 404،775ރ. އާއި ގެސްޓު ހައުސްއަކަށް އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ 513،999.95ރ. އެމްއައިޓީޑީސީއިން ރެއިމްބޯއަށް ދައްކަންޖެހޭނެ ކަމަށް ހުކުމްގައި ވެއެވެ.
ކޯޓު ހުކުމުގައި ވާގޮތުން މި ފައިސާ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިޔަށް އޮތް 15 ދުވަހުގެ ތެރޭގައި ރެއިމްބޯއަށް ދައްކާ ޚަލާސް ކުރަން ޖެހެއެވެ.
ބަރެސްދޫއަކީ އާންމު ފަރާތްތަކަށް ބިން ދޫކޮށްގެން ޓޫރިޒަމް ވިޔަފާރި ކުރުމުށް ރައީސް ޔާމިންގެ ވެރިކަމުގައި އެމްއައިޓީޑީސީން އެންމެ ފުރަތަމަ އިއުލާންކުރި މަޝްރޫއެވެ. އެހެންނަމަވެސް އޭރުއްސުރެ ހުއްޓިފައި އޮތް އެ މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ރައީސް ސާލިހުގެ ސަރުކާރުންވެސް ޑިޒައިންއަށް ބަދަލު ގެނެސްގެން މަސައްކަތް ކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ