މި ސަރުކާރުން މަސްވެރިންނަށް ދޭން ޖެހިފައިވާ 300 މިލިއަން ރުފިޔާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މަސްވެރިންނަށް ފައިސާ ނުލިބިގެން ކުރަންފެށި އިހުތިޖާޖު ނިންމާލާފައިވާ ކަމަށާއި، އަދި ކޫއްޑޫވެސް މިހާރު އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ.
އެ ފުޒާރާއިން ބުނެފައިވަނީ މިހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް 70 މިލިއަން ރުފިޔާ މަސްވެރިންނަށް ދީ ޚަލާސްކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން މަސްވެރިންނަށް ދީފައިވާ ޔަގީންކަމާ އެއްގޮތަށް މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން 30 މިލިއަން ރުފިޔާ ޖަމާކޮށް ނިންމާނެކަމަށްވެސް ވުޒާރާއިން ބުނެފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ، އިހުތިޖާޖު ކުރަމުންދިޔަ މަސްވެރިންނާއި ބައްދަލުކުރެއްވުމަށް މިނިސްޓަރ ވަޑައިގަތުމުން މަސްވެރިންނާއި އޮޑިވެރިން ދިން އެއްބާރުލުމަށް ޝުކުރުއަދާކޮށް، އަދި މަސްވެރިން މަހަށް އެނބުރި ނިކުތުމަށް ނިންމާފައިވާތީ އެކަން ފާހަގަ ކޮށްފައެވެ.
އަދި މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތައް ހިންގާ ފެސިލިޓީތައް ހުއްޓިފައި އޮންނަ އޮތުމާ ގުޅިގެން އެކަމުގެ ސަބަބުން މަސްވެރިންނަށާއި، މަސްވެރި އާއިލާތަކަށާއި އަދި ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާކަށެވެ. އެއީ އެ ވުޒާރާއިން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ފާހަގަކުރައްވަމުން، ވުޒާރާއިން ވިދާޅުވެފައިވަނީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެންމެން އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށެވެ.
އަދި މިފްކޯއާއި މާލީ ވުޒާރާއާއި ކަމާބެހޭ އެހެނިހެން ވުޒާރާތަކާ ގުޅިގެން މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ޙައްލުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދޭކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ޙައްލުކޮށް މަސްވެރިކަމުގެ ސިނާއަތު ތަރައްޤީކޮށް މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް މަސްވެރި އާއިލާތަކުގެ ތަނަވަސްކަން އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައެވެ. އަދި މަސްވެރިންނަށް ދޭން ޖެހިފައި ހުރި ފައިސާ ދޫކުރުމުގެ އިންތިޒާމް ހަމަޖައްސަވާ ދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްވެވި އިރުޝާދާއި ކޮށްދެއްވި މަސައްކަތް އުފަލާއެކު ފާހަގަކުރާ ކަމުގައިވެސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.