ގއ. ވިލިގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓާކާއެކު ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުމަށް ފަހުމުނާމާއެއްގައި މިއަދު ސޮއި ކޮށްފިއެވެ.
ދިވެހި ސަރުކާރު މި ފަހުމްނާމާގައި ސޮއިކުރީ އެން.ވީ.ބެސިކްސް.އޭ ނަމަކަށް ކިޔާ ކުންފުންޏަކާއެކުއެވެ. މި ކުންފުނީގެ ތަފްސީލު ސަރުކާރުން ހާމަކޮށްފައި ނުވިނަމަވެސް، މި ކުންފުންޏަކީ ދުބާއީގެ ބުރިޖް ޚަލީފާ ޑިވެލޮޕްކުރި ކުންފުނިކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. ބެލްޖިއަމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ބެސިކްސް ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު މރ.ސަރވް ޑޮލްމަންސްއެވެ.
އިމާރާތްކުރުމާ ބިނާރާބެހޭ ވުޒާރާއިން ބުނެފައިވަނީ، މިއަދު ސޮއިކުރެވުނު ފަހުމްނާމާއަކީ މިމަޝްރޫއު ކުރިޔަށް ގެންދިއުމުގެ ކުރިން ގެންދިއުމަށް އެކުލަވާލެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އިކޮނޮމިކް ކައުންސިލުން ފާސްކޮށްގެން ސޮއިކޮށްފައިވާ ފަހުމުނާމާއެއްކަމުގައެވެ.
މި ފަހުމުނާމާގައި ސޮއިކުރުމަށްފަހު މިނިސްޓްރީން އާންމުކުރި މީޑިއާ ބްރީފިންގައި ވިދާޅުވެފައިވަނީ، މިމަޝްރޫޢުގައި ހިމެނުމަށް އެން.ވީ.ބެސިކްސް.އޭ އިން ހުށަހަޅާފައިވަނީ 2.2 ކިލޯމީޓަރުގެ ރަންވޭއަކާއި، ޓްރާންސިޓް ހޮޓަލެެއްގެ އިތުރުން އިންޓަރނޭޝަނަލް އެއަރޕޯޓެއްގައި ހިމެނޭ އެންމެހާ ވަސީލަތްތައް ތަރައްގީކުރުމަށް ކަމުގައެވެ. މީގެ ތެރޭގައި މަތީފަންތީގެ ރިސޯޓުތަކާއި ހޮޓެލްތަކާއި ޔޮޓް މެރީނާއެއް ތަރއްގީކުރުމަށް ހުށަހަޅާފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
މިނިސްޓްރީން ވިދާޅުވެފައިވަނީ، މި މަޝްރޫޢުގެ ކޮންޓްރެކްޓުގައި ސޮއި ކުރެވޭނީ ޕްރޮޕޯޒަލް ހުށަހަޅާފައިވާފަރާތުގެ ފަންނީ އަދި މާލީ ގާބިލްކަން ކަަށަވަރު ކުރުމަށްފަހު، ބަލަންޖެހޭ އެންމެހައިކަމެއް ބަލާ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާގޮތުގެމަތިން ކަމުގައެވެ.
މިމަޝްރޫޢާއި ގުޅޭ އިތުރުމައުލޫމާތު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.