މަސްވެރިންނަށް މިސަރުކާރުން ދޭން ޖެހިފައިވާ 280 މިލިއަން ރުފިޔާ ނުލިބިގެން މަސްވެރިން އިހުތިޖާޖު ކުރަމުންދާތާ 4 ދުވަސް ފަހުން ސަރުކާރުން މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާފައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މިއަދާއި މާދަމާ މަސްވެރިންނަށް ޖުމްލަ 70 މިލިއަން ރުފިޔާ ދޫކުރާނެއެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން މަސްވެރިން އިހިތިޖާޖުކުރަން ފެށި މިމަހުގެ 18 ވަނަ ދުވަހުއެވެ. އެދުވަހު ފިޝަރީޒް މިނިސްޓަރު ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާ މަޝްވަރާކޮށް އެއްވެސް ހައްލެއް ލިބިފައެއް ނުވެއެވެ.
އެއަށްފަހު ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 100 ރުދިޔާ މިމަހުގެ 16 ކުރިން ދައްކާނެކަމަށާއި، ބާކީކުރި ފައިސާ އަންނަ މާރޗްމަހުގެ 5ގެ ކުރިން ދައްކާ ޚަލާސްކުރާނެ ކަމުގައެވެ.
މިއަދާއި މާދަމާ މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދެއްކުމަށްފަހު މާބާކީ 30 މިލިއަން ރުފިޔާ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ސަރުކާރުން ދައްކާނެކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެހެންނަމަވެސް އިހުތިޖާޖު ކުރަމުންދިޔަ މަސްވެރިން މިހާތަނަށް ބުނަމުން އައިސްފައިވަނީ އިހުތިޖާޖު ހުއްޓާލާނީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ގަޑުކޮށް ދިނުމުންކަމަށް މަސްވެރިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިއަދު ސަރުކާރުން ފައިސާ ދޫކުރަން ފަށާއިރު އިހުތިޖާޖު ކުރަމުންދާ މަސްވެރިން ނިންމާގޮތެއް އަދި ސާފު ވެފައެއް ނުވެއެވެ.
މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ދުވަހުން ފެށިގެން މިހާތަނަށް 18،987 ޓަނުގެ މަސް ބޭރުކޮށްފައިވާއިރު، 395 މިލިއަން ރުފިޔާގެ އާމްދަނީ މިފްކޯއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް މިހާތަނަށް 435 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، ކުރީ ސަރުކާރުގެ ބެކްލޮގާއެކު ނުދެވި އޮތީ 280 މިލިއަން ރުފިޔާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ކުރީ ސަރުކާރުން ބޮޑުކުރި މަހުގެ އަގު ވަނީ 20 ރުފިޔާއަށް ތިރިކޮށްފައެވެ. ޝިޔާމް ވިދާޅުވީ މި ސަރުކާރުން ދެން މަހުގެ އަގަށް ބަދަލު ނުގެންނާނެ ކަމަށެވެ.
ކުރީ ސަރުކާރުން މަހުގެ އަގަށް ބަދަލު ގެނައީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ތެރޭގައެއެވެ. އެއީ އީޔޫއީން ރާއްޖޭގެ މަހަށް ނަގާ ޑިއުޓީ ކަނޑާލަން ތައްޔާރުވެފައިވާކަމަށް ބުނެއެވެ. އެހެންނަމަވެސް އަދިވެސް އިޔޫގެ ޑިއުޓީ ކަނޑާލާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ